އަލީ ޔާމިން
ލޮކްޑައުނަށް ދީފައިވާ ލުއި އަނބުރާ ގެންނަން ޖެހޭ ފަދަ ހާލަތެއް އަދި ނުފެންނަ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، ލޮކްޑައުނަށް ލުއިދިނުމުގެ މުއްދަތަށް ބަދަލެއް ގެންނަން ނުވަތަ ލޮކްޑައުނަށް ދީފައިވާ ލުއި އަނބުރާ ގެންދަން ޖެހޭ ފަދަ ހާލަތެއް އަދި ނުފެންނަ ކަމަށެވެ.
"އަދި މިފެންނަ މަންޒަރަކުން ލޮކްޑައުނުން ދެވިފައިވާ އީސްގެ ހާލަތުގައި އަނބުރާ ގެންދަން ޖެހޭ ފަދަ ހާލަތެއް އަދި ނުފެނޭ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.
ޑރ. އަފްޒަލް ވިދާޅުވީ، ލޮކްޑައުނަށް ލުއިތަކެއް ދިންކަމުގައިވިޔަސް ބޮޑު ސާޖެއް އަދި އައިސްފައި ނުވާ ކަމަށެވެ. ނަމަވެސް ލުއިދީފައިވާ މުއްދަތުގެ ތެރޭގައި ބަލި ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެނަމަ ފުލް ލޮކްޑައުނަށް ދާން ޖެހިދާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. އަފްޒަލް ވަނީ މި ދުވަސްވަރު ގިނަ މީހުން މަގުތަކުގައި ހަރަކާތްތެރިވާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގައި މަގުމަތީގައި އުޅުމަށް އެފަރާތްތަކަށް އިލްތިމާސްކުރައްވައިފައެވެ.
މިއަދު އެކަނިވެސް ރާއްޖެއިން 101 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 79 މީހުންނަކީ އެއް ކްލަސްޓާއަކަށް ނިސްބަތްވާ މީހުންނެވެ. މިއާއެކު ރާއްޖެއިން ބަލި ޖެހުނު ޖުމުލަ މީހުންގެ އަދަދު މިވަނީ 1773 އަށް އަރައިފައެވެ.