އުމުރުން ދުވަސްވީ މީހުން ކަސްރަތަށް ނުކުމެ ބާރަށް ހިނގާއިރު ސިއްހީ ގޮތުން ރަނގަޅީ މާސްކް ނޭޅުން ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
މާލެއިން ކޮވިޑް 19 ޖެހިފައި ހުރި މީހަކު ފެނުމާއެކު މާލެ ސަރަހައްދަށް މިދިޔަ މަހުގެ 15 ވަނަ ދުވަހު އިއުލާންކުރި ލޮކްޑައުންގެ ހާލަތަށް މިދިޔަ ހުކުރު ދުވަހުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް ވަނީ ލުއިތަކެއް ދީފައެވެ. އެ ލުއިތަކުގެ ތެރެއިން 60 އަހަރުން މަތީގެ މީހުންނަށް ހެނދުނު 5:00 އިން 8:00 އަށް ހިނގާލަން ބޭރަށް ނުކުތުމުގެ ހުއްދަ ވަނީ ދީފައެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، ކޮވިޑް 19 އަކީ އެބަލި ޖެހިފައިވާ މީހަކާ ގާތްވެއްޖެނަމަ އެމީހަކު ކެއްސާ، ކިނބިހި އަޅާ ނުވަތަ ވާހަކަދައްކާއިރު ބުރައިގެންދާ ކުޅުތިކަކުގެ ޒަރިއްޔާއިން ޖެހޭ ބައްޔެއްކަމުން ހެނދުނުގެ ވަގުތުގައި ގައިދުރުކަމަށް އިސްކަންދޭނަމަ ބޭރަށް ނުކުންނަ މީހުން މާސްކު އަޅައިގެން އުޅޭކަށް ނުޖެހޭނެ ކަމަށެވެ.
އެގަޑީގައި ހިނގާލަން ނުކުމެ އުޅޭ މީހުންނާއި އަދި މި އުމުރުފުރާގެ މީހުންނަށް އަބަދު މާސްކު އަޅައިގެން ހުންނާކަށް ނުޖެހޭނެ. ހާއްސަގޮތެއްގައި އާންމުކޮށް ހިނގާ ވަރަށްވުރެ ބާރަށް ހިނގާއިރު، ކަސްރަތެއްގެ ގޮތުގައި އެކަން ކުރައްވާއިރު، މިބޭފުޅުންނަށް ހާއްސަކޮށް ރަނގަޅީ މާސްކު ނޭޅުއްވިއްޔާ. އެއީ އެބޭފުޅުންގެ ފުއްޕާމެއާއި ހަށިގަނޑުގެ އާންމު ހާލަތަށް ބަލާ އިރުވެސް ފަހަރެއްގައި އާންމުކޮށް ކުރާ ވަރަށްވުރެ ހަށިގަނޑަށް ބާރު ލައިފިއްޔާ، ހަށިގަނޑަށް ބޭނުންވާ ވަރަށް އޮކްސިޖަން ނުލިބުން އެކަށީގެންވޭ،" ޑޮކްޓަރު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، އުމުރުން ދުވަސްވީ މީހުންނާއެކު އެހެން އުމުރުފުރާގެ މީހުން ނުވަތަ ކުޑަކުދިން ނުކުމެ އުޅޭކަން ފާހަގަކުރެވޭ ކަމަށެވެ. ނަމަވެސް އެއީ ހުއްދަ ކަމެއް ނޫން ކަމަށާއި އަދި އެއީ ރައްކާތެރި ގޮތެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.
އެޗްޕީއޭ އިން ހާމަކޮށްފައިވާ ގޮތުން، ދެވަނަ މަރުހަލާގައި ކުޑަކުދިންނަށް ހުއްދައާއެކު ފަތިހު 5:00 އާއި 8:00 އާ ދެމެދުގައި ބޭރަށް ނުކުމެވޭނެއެވެ.