މިދުވަސްވަރު ކުޑަކުދީން ބޭރަށް ނެރުމަކީ މަނާކަމެއް ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
މާލެއިން ކޮވިޑް 19 ޖެހިފައި ހުރި މީހަކު ފެނުމާއެކު މާލެ ސަރަހައްދަށް މިދިޔަ މަހުގެ 15 ވަނަ ދުވަހު އިއުލާންކުރި ލޮކްޑައުންގެ ހާލަތަށް މިދިޔަ ހުކުރު ދުވަހުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް ވަނީ ލުއިތަކެއް ދީފައެވެ. އެ ލުއިތަކުގެ ތެރެއިން 60 އަހަރުން މަތީގެ މީހުންނަށް ހެނދުނު 5:00 އިން 8:00 އަށް ހިނގާލަން ބޭރަށް ނުކުތުމުގެ ހުއްދަ ވަނީ ދީފައެވެ. ނަމަވެސް އެ ވަގުތުގައި ކުޑަކުދިން ވެސް ބޭރަށް ނެރެ، ބައެއް މައިޒާންތަކަށް ގޮވައިގެންދާކަން ވަނީ ފާހަގަކުރެވިފައެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، އުމުރުން ދުވަސްވީ މީހުންނާއެކު ކުޑަކުދިން ނުކުމެ އުޅޭކަން ފާހަގަކުރެވޭ ކަމަށެވެ. ނަމަވެސް އެއީ ހުއްދަ ކަމެއް ނޫން ކަމަށާއި އަދި އެއީ ރައްކާތެރި ގޮތެއް ވެސް ނޫން ކަމަށް ވިދާޅުވިއެވެ.
"އެބޭފުޅުންނާއެކު (އުމުރުން ދުވަސްވީ މީހުންނާއެކު) ގައި އެހެން އުމުރުފުރައިގެ މީހުން ވެސް ދާތަން އެބަ ފެނޭ. ނުވަތަ އެބޭފުޅުންނާއެކުގައި ގޭގެ ކުޑަކުދިން ދާތަން ވެސް އެބަފެނޭ. އެއީކީ އަޅުގަނޑުމެންގެ ހުއްދަ ލިބިގެންވާ ކަމެއް ނޫންވީމަ އަދި އެއީ ރައްކާތެރިގޮތް ކަމަށް ވެސް ނުވާތީވެ ރަނގަޅީ ހުއްދަ ލިބިގެންވާ އުމުރުން ދުވަސްވީ މީހުން އެ ފުރުސަތުގެ ބޭނުންކޮށް ކަސްރަތު ކުރުމަށް ވަޑައިގަތުން،" ޑޮކްޓަރު ވިދާޅުވިއެވެ.
އެޗްޕީއޭ އިން ހާމަކޮށްފައިވާ ގޮތުން، ދެވަނަ މަރުހަލާގައި ކުޑަކުދިންނަށް ހުއްދައާއެކު ފަތިހު 5:00 އާއި 8:00 އާ ދެމެދުގައި ބޭރަށް ނުކުމެވޭނެއެވެ.
ޑރ. އަފްޒަލް އިތުރަށް ވިދާޅުވީ، ކޮވިޑް-19 އަކީ އެބަލި ޖެހިފައިވާ މީހަކާ ގާތްވެއްޖެނަމަ އެމީހަކު ކެއްސާ، ކިނބިހި އަޅާ ނުވަތަ ވާހަކަދައްކާއިރު ބުރައިގެންދާ ކުޅުތިކަކުގެ ޒަރިއްޔާއިން ޖެހޭ ބައްޔެއްކަމުން ހެނދުނުގެ ވަގުތުގައި ގައިދުރުކަމަށް އިސްކަންދޭނަމަ ހެނދުނު ބޭރަށް ނުކުންނަ އުމުރުން ދުވަސްވީ މީހުން މާސްކު އަޅައިގެން އުޅޭކަށް ނުޖެހޭނެ ކަމަށެވެ.
އެގަޑީގައި ހިނގާލަން ނުކުމެ އުޅޭ މީހުންނާއި އަދި މި އުމުރުފުރާގެ މީހުންނަށް އަބަދު މާސްކު އަޅައިގެން ހުންނާކަށް ނުޖެހޭނެ. ހާއްސަގޮތެއްގައި އާންމުކޮށް ހިނގާ ވަރަށްވުރެ ބާރަށް ހިނގާއިރު، ކަސްރަތެއްގެ ގޮތުގައި އެކަން ކުރައްވާއިރު، މިބޭފުޅުންނަށް ހާއްސަކޮށް ރަނގަޅީ މާސްކު ނޭޅުއްވިއްޔާ. އެއީ އެބޭފުޅުންގެ ފުއްޕާމެއާއި ހަށިގަނޑުގެ އާންމު ހާލަތަށް ބަލާ އިރުވެސް ފަހަރެއްގައި އާންމުކޮށް ކުރާ ވަރަށްވުރެ ހަށިގަނޑަށް ބާރު ލައިފިއްޔާ، ހަށިގަނޑަށް ބޭނުންވާ ވަރަށް އޮކްސިޖަން ނުލިބުން އެކަށީގެންވޭ،" ޑޮކްޓަރު ވިދާޅުވިއެވެ.