ކުއްލި ޚަބަރު

މިއަދު 101 މީހަކު ކޮވިޑަށް ޕޮޒިޓިވް ވިޔަސް އެކަމާ ލޮކްޑައުން ލުއި ކުރުމާ ގުޅުމެއް ނެތް: ޑރ. އަފްޒަލް

މިއަދު 101 މީހަކު ކޮވިޑަށް ޕޮޒިޓިވް ވިޔަސް އެކަމާ ލޮކްޑައުން ލުއި ކުރުމާ ގުޅުމެއް ނެތް ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، މިއަދު ޕޮޒިޓިވްވި 101 މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 72 މީހުންނާއި އިންޑިއާގެ 21 މީހުން އަދި އަށް ދިވެހިން ކަމަށެވެ. ނަމަވެސް އެ މީހުންގެ ތެރެއިން 79 މީހުންނަކީ އެއް ކްލަސްޓާއެއް ކަމަށާއި ދެން ހިމެނެނީ ސްމޯލް ކްލަސްޓާއަކުން 19 މީހުންނާއި އިތުރު ކްލަސްޓާއަކުން މީހެއް އަދި އިންޑިޕެންޑެންޓް ދެ ކޭސް ކަމަށެވެ.

"ގިނަ ކޭސް ފެނުމަކުން ކަންބޮޑުނުވެއެކޭ ނޫން. އެހެންނަމަވެސް މި ހުޅުވާލި ހުޅުވާލުމާ ވިދިގެން އިތުރިވި ނަންބަރުތަކެއްގެ ގޮތުގައެއް ނުބެލެވޭނޭ،" ޑޮކްޓަރު ވިދާޅުވިއެވެ.

މާލެއިން ކޮވިޑް 19 ޖެހިފައި ހުރި މީހަކު ފެނުމާއެކު މާލެ ސަރަހައްދަށް އިއުލާންކުރި ލޮކްޑައުންގެ ހާލަތަށް މިދިޔަ ހުކުރު ދުވަހުން ފެށިގެން ވަނީ ލުއިތަކެއް ދީފައެވެ. އަދި އެ ލުއިތައް ދޭ ފުރަތަމަ މަރުހަލާގައި އިންފެކްޝަން އުޅޭ މިންވަރު އިތުރުވާނެ ކަމަށް ޑރ. ޝީނާ މޫސާ ވަނީ ވިދާޅުވެފައެވެ.

ނަމަވެސް މާބޮޑަށް ބަލި ޖެހޭ މީހުން އިތުރުވަނީ ނަމަ އަލުން ފުލް ލޮކްޑައުން އަކަށް ދާން ޖެހިދާނެ ކަމުގެ އިންޒާރު ޑރ. ޝީނާ ވަނީ ދެއްވައިފައެވެ.

ރާއްޖެއިން މިއަދު ކޮވިޑަށް 101 ޕޮޒިޓިވްވެފައިވާއިރު އެބަލި ޖެހުނު މީހުންގެ ތެރެއިން 52 މީހަކު މިއަދު ވަނީ ބަލިން ރަނގަޅުވެފައެވެ. އެއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ވަނީ 453 އަށް އަރައިފައެވެ. މިއީ ޖުމްލަ އަދަދުގެ 27 ޕަސެންޓެވެ.