ރާއްޖޭގައި އިތުރު 101 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު 1773 އަށް އަރައިފިއެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، އެ 101 މީހުންނަކީ ރޭ 12:00 އިން ފެށިގެން މިއަދުގެ އިރުއޮއްސި 6:00 އާހަމައަށް ޕޮޒިޓިވްވި މީހުން ކަމަށެވެ.
އެޗްޕީއޭގެ އެޕިޑަމޮއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، މިއަދު ޕޮޒިޓިވްވި 101 މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 72 މީހުންނާއި އިންޑިއާގެ 21 މީހުން އަދި އަށް ދިވެހިން ކަމަށެވެ.
ނަމަވެސް އެ މީހުންގެ ތެރެއިން 79 މީހުންނަކީ އެއް ތަނެއްގައި އެއް ކްލަސްޓާއެއް ކަމަށެވެ. ދެން ހިމެނެނީ ސްމޯލް ކްލަސްޓާއަކުން 19 މީހުންނާއި އިތުރު ކްލަސްޓާއަކުން މީހެއް އަދި އިންޑިޕެންޑެންޓް ދެ ކޭސް ކަމަށެވެ.
"ގިނަ ކޭސް ފެނުމަކުން ކަންބޮޑުނުވެއެކޭ ނޫން. އެހެންނަމަވެސް މި ހުޅުވާލި ހުޅުވާލުމާ ވިދިގެން އިތުރިވި ނަންބަރުތަކެއްގެ ގޮތުގައެއް ނުބެލެވޭނޭ،" ޑޮކްޓަރު ވިދާޅުވިއެވެ.
ރާއްޖެއިން މިއަދު ކޮވިޑަށް 101 ޕޮޒިޓިވްވެފައިވާއިރު އެބަލި ޖެހުނު މީހުންގެ ތެރެއިން 52 މީހަކު މިއަދު ވަނީ ބަލިން ރަނގަޅުވެފައެވެ. އެއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ވަނީ 453 އަށް އަރައިފައެވެ. މިއީ ޖުމްލަ އަދަދުގެ 27 ޕަސެންޓެވެ.