މަސްޖިދުއް ނަބަވީ އަލުން ހުޅުވައި ނަމާދުކުރަން ފަށައިފިއެވެ.
ސައުދީ އަރަބިއްޔާގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް މަސްޖިދުއް ނަބަވީ ބަންދުކުރުމަށްފަހު އަލުން ހުޅުވައި ނަމާދުކުރަން ފެށީ ރެ ފަތިސްނަމާދުން ފެށިގެންނެވެ. ސައުދީގައި އަޅާފައިވާ ފިޔަވަޅުތައް ލުއިކުރަން ފަށާފައިވާއިރު މައްކާ އަދިވެސް އޮތީ ލޮކްޑައުން ކޮށްފައެވެ.
މަސްޖިދުއް ނަބަވީ ހުޅުވި ނަމަވެސް މިސްކިތްތެރޭގައި ބޭނުންކުރުމަށް ހުއްދަ ދީފައިވަނީ 40 އިންސައްތަ ސަރަހައްދު ކަމަށް އެގައުމުގެ ނޫސްތަކުން ބުނެއެވެ.
ސައުދީ އަރަބިއްޔާގެ އެކި ސަރަހައްދު ތަކުގެ 90000 އަށްވުރެ ގިނަ މިސްކިތް ހުޅުވުމުގެ ހުއްދަ މިއަދު ވަނީ ދީފައެވެ.
މަސްޖިދުއް ނަބަވީ ހުޅުވިނަމަވެސް ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ. ނަމާދުކުރާ މީހުންގެ ރައްކާތެރިކަމަށް ޓަކައި އެމިސްކިތުގެ ހުރިހާ ކާޕެޓްތަކެއް ވަނީ ނަގައިފައެވެ. މީގެ އިތުރުން މިސްކިތަށް ނަމާދަށް ދާ މީހުން މާސްކު އެޅުން ވަނީ މަޖުބޫރު ކުރުވައިފައެވެ.
މައްކާ އާއި މަދީނާއަށް އުމްރާ ކުރުމަށް ދިޔުންވެސް އެގައުމުން ވަނީ މަނާކޮށްފައެވެ. އަދި ބޮޑެތި އެއްވުންތަކާއި މަސައްކަތުގެ މާހައުލުގައި ގިނަ ބަޔަކު އެއްވެގެން ބާއްވާ ބައްދަލުވުންތައްވެސް ވަނީ މަނާކޮށްފައެވެ.
ސައުދީގައި ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާ ހިލާފުވާ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމަށް އެގައުމުން ވަނީ ނިންމައިފަ އެވެ.