އަލީ ޔާމިން
ބަލިޖެހިފައިވާ މީހުން ބޭރުގައި އުޅުނަސް، އެންމެން ރައްކާތެރިކަމުގެ ފިޔަވަޅު އަަޅައިގެން އުޅޭނަމަ ފެތުރުމުގެ ފުރުސަތު ވަރަށް ކުޑަވާނެ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، ބަލި ޖެހިފައިވާ މީހަކުވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގައި ބޭރުގައި އުޅޭނަމަ އޭނާގެ ފަރާތުން އެހެން މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ވަރަށް ކުޑަވެގެންދާނެ ކަމަށެވެ.
"ހަގީގަތުގައި މި ބަލި ޖެހިފައިވާ މީހަކު މަގުމަތީގައި އުޅުނަސް، އޭނަ އެ އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިފިނަމަ އޭނަގެ ސަބަބުން އެހެން މީހަކަށް ބަލި ޖެހުމުގެ ފުރުސަތު ވަރަށް ކުޑަވާނެ. އެހެންކަމުން ހަގީގަތުގައި އިތުރަށް ސްޕްރެޑްވާނީ ބޭރަށް ނުކުމެ އުޅުމަކުން ނޫނޭ. އޭނަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ނޭޅުމާއި ދެން ހުރި މީހުންވެސް އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން،" ޑރ. އަފްޒަލް ވިދާޅުވިއެވެ.
ޑރ. އަފްޒަލް ވިދާޅުވީ، ބަލީގެ ކިރިޔާވެސް އަލާމާތެއް ފެނިއްޖެނަމަ އެކަން ރިޕޯޓްކުރަން ޖެހޭނެ ކަމަށާއި އެއްވެސް އަލާމާތެއް ނުފެންނަ މީހުންވެސް ގިނަ އަދަދަކަށް އުޅޭތީ، އެމީހުން ދެނެގަތުމަށް އެކްޓިވް ސާމްޕަލިން ކުރަން ފަށާފައިވާ ކަމަށެވެ.
މީގެ އިތުރުން ޑރ. އަފްޒަލް ވިދާޅުވީ، ބޭރަށް ނުކުންނައިރު އައިޑީ ކާޑު ހިފައިގެން ނުވަތަ އެއީ ކާކުކަން އެނގޭނެ ފަދަ ލިޔުމެއް ނުވަތަ ކާޑެއް ހިފައިގެން އުޅުމަކީ މުހިންމު ކަމެއް ކަމަށެވެ.
ޑރ. އަފްޒަލް ވިދާޅުވީ، ލޮކްޑައުންއަށް ލުއިދިން ދެ ހަފުތާގެ ތެރޭގައި ގިނަ ބަޔަކު ބައްޔަށް ޕޮޒިޓިވްވެއްޖެނަމަ އަލުން އަނބުރާ ފުލް ލޮކްޑައުނަކަށް ދާން ޖެހިދާނެ ކަމަށެވެ.