މުހައްމަދު އައުޒަމް
ރަޝިޔާއަށް ދަތުރުކުރި ފްލައިޓެއްގެ ޕައިލެޓު ކޮވިޑަށް ޕޮޒިޓިވް ވެ ފްލައިޓް އަނބުރާ އިންޑިއާއަށް ދާން ޖެހިއްޖެއެވެ.
ކޮވިޑާ ގުޅިގެން އިންޑިއާއިން ބޭރުގައި ތާށިވެފައިވާ އެގައުމުގެ ރައްޔިތުން އަނބުރާ ގައުމަށް ގެނައުމަށް ފަށާފައިވާ "ވަންޑެ ބާރާތު މިޝަން" ގެ ތެރެއިން ރަޝިޔާގެ މޮސްކޯގައި ތާށިވެފައިވާ މީހުން ގެނައުމަށް ރަޝިއާގެ މޮސްކޯއަށް ދަތުރު ކުރި އެއާ އިންޑިއާގެ ފްލައިޓު ވަނީ އަނބުރާ އިންޑިއާއަށް ޖައްސައިފައެވެ.
އެއާ އިންޑިއާގެ ފްލައިޓުގައި މޮސްކޯއަށް ދަތުރުކުރި ޕައިލެޓް ދަތުރު ފެށުމުގެ ކުރީން ކޮވިޑަށް ކުރި ޓެސްޓުން ނެގެޓިވް ވުމުން ވަނީ ފްލައި ފުރުމަށް ހުއްދަ ދީފައެވެ. ނަމަވެސް ފަހުން ވަނީ ޕައިލެޓް ޕޮޒިޓިވެ ވެފައިވާ ކަމަށް ބުނެ ފްލައިޓު އަނބުރާލުމަށް އަންގައިފައެވެ.
އެއާ އިންޑިއާއިން ނެރެފައިވާ ބަޔާނެއްގައި ބުނީ މިހާދިސާ ހިނގަން މެދުވެރިވެފައިވަނީ ކްރޫންގެ ނަތީޖާގެ މައުލޫމާތު ހިއްސާ ކުރި ފަރާތަށް އެރި އޮޅުމެއްގެ ސަބަބުންނެވެ.
އެއާ އިންޑިއާއިން ބުނީ ދިއްލީ އިން މޮސްކޯއަށް ދަތުރުކުރި ފްލައިޓުގައި ދަތުރު ކޮށްފައިވަނީ ހަމައެކަނި ފްލައިޓުގެ ކްރޫން ކަމަށާއި ފްލައިޓު އަނބުރާ އިންޑިއާ އަށް ޖައްސައި ހުރިހާ ކްރޫން އަލުން ޓެސްޓުކޮށް އެކަހެރި ކޮށްފައިވާ ކަމަށެވެ.
މޮސްކޯގައި ތިބި މީހުން ބަލައި އެއާ އިންޑިއާގެ އެހެން ފްލައިޓެއް މިހާރު ވަނީ ފޮނުވާފައެވެ.
އިންޑިއާގެ ސިވިލް އޭވިއޭޝަން ގެ ޑިރެކްޓަރުވަނީ މިހާދިސާ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް ނިންމައިފައެވެ.