ކުއްލި ޚަބަރު

ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ފްރޮންޓްލައިން މީހުން ހިމެނޭ މިންވަރު އަންނަނީ ދަށްވަމުން: ޑރ. އަފްޒަލް

އަލީ ޔާމިން

ކޮވިޑް 19އަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ފްރޮންޓްލައިން މީހުން ހިމެނޭ މިންވަރު އަންނަނީ ދަށްވަމުން ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، ކޮވިޑު 19އާ ދެކޮޅަށް ކުރާ މަސައްކަތުގައި ކުރީ ސަފުގައި ހަރަކާތްތެރިވާ މީހުންގެ ތެރެއިން ބަލި ޖެހޭ މީހުންގެ އަދަދު މަދުވަމުން އަންނަ ކަމަށެވެ.

"އެންމެ ފުރަތަމަ ދުވަސްކޮޅާ އަޅާ ބަލާއިރު ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން ބައްޔަށް ޕޮޒިޓިވްވާ މީހުން މި އަންނަނީ މަދުވަމުން. މީގެ ސަބަބެއް ކަންނޭނގެ އެއީ ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތައް. ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅޭ މިންވަރު އިތުރުވުން." ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ދެއްކެވި ސްލައިޑުތަކުގައިވާ ގޮތުން އޭޕްރީލް މަހުގެ 16 ވަނަ ދުވަހުން ފެށިގެން މިމަހުގެ 28 ވަނަ ދުވަހާ ހަމައަށް ފްރަންޓްލައިންގައި މަސައްކަތްކުރާ 246 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

ރާއްޖޭގައި މިހާތަނަށް 1672 މީހުންނަށް ކޮވިޑު ޖެހިފައިވާއިރު، އެބަލިން 401 މީހަކު ވަނީ ރަނގަޅުވެފައެވެ. އަދި އެ ބަލީގައި ފަސް މީހަކު ވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖެއިން 81 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ.