ކޮވިޑް ޕޮޒިޓިވް ކޭސްތަކެއް ފެނުމާ ގުޅިގެން މޮނީޓަރިންގެ ހާލަތަށް ގެނައި ށ. ނަރުދޫ އާންމު ހާލަތަށް ގެނެސްފިއެވެ.
ނަރުދޫ މޮނީޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އެއީ މާލެ ސަރަހައްދަށް ލޮކްޑައުން އިއުލާންކުރި އޭޕްރިލް 15 ވަނަ ދުވަހު މާލެއިން ފުރައިގެން އުތުރުގެ ރަށްތަކަށް ދަތުރުކުރި "އަމާޒު" ބޯޓުގެ ކެޕްޓަން ޕޮޒިޓިވްވުމުންނެވެ. ކެޕްޓަނަކީ ނަރުދޫ މީހެކެވެ.
އޭގެ ފަހުން އެރަށުން 11 މީހަކު ކޮވިޑަށް ޕޮޒިޓިވްވިއެވެ. އަދި 52 މީހެއްގެ ޓެސްޓު ހެދިއެވެ. ނަމަވެސް އެ 52 މީހުންގެ ޓެސްޓުގެ ނަތީޖާ ނެގެޓިވްކަން މިމަހުގެ ފަސް ވަނަ ދުވަހު ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ އަންގައިފައެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މިއަދުން ފެށިގެން ނަރުދޫ އާންމު ހާލަތަށް ބަދަލުކޮށްފައިވާ ކަމަށެވެ.
ނަރުދޫ މޮނީޓަރިންގެ ހާލަތުން ނެގުމާއެކު މިވަގުތު މޮނީޓަރިންގެ ހާލަތުގައި އޮތީ މާލެއާއެކު ނ. މަނަދޫ އެކަންޏެވެ. މަނަދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ.