އިތުރު ބަޔަކު ޕޮޒިޓިވްވެ ރާއްޖޭގެ ޖުމުލަ 1672 އަށް އަރައިފިއެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، ރާއްޖެއިން އިތުރު 39 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 81 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެއާއެކު ރާއްޖޭގައި ކޮވިޑް ޖެހުނުގެ މީހުންގެ އަދަދު ވަނީ 1672 އަށް އަރައިފައެވެ.
ޕްރެސްގައި ޕޮޒިޓިވްވި ކަމަށް މަބްރޫކު ހާމަކުރެއްވި 39 މީހުންގެ މައުލޫމާތެއް އޭނާ ވެސް އެޗްޕީއޭއަކުން ވެސް އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް ރޭ 12:00 އިން މެންދަމު 3:00 އާ ހަމައަށް 42 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އެ މީހުންގެ ތެރޭގައި ހިމެނެނީ 28 ބަންގްލަދޭޝް މީހުންނާއި 13 އިންޑިއާ މީހުންނާއި ދިވެއްސެކެވެ.
ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 1672 އަށް އަރާފައިވާއިރު އެބަލި ޖެހުނު މީހުންގެ ތެރެއިން 401 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ރާއްޖޭގައި މިހާތަނަށް އެބަލި ޖެހިގެން މަރުވެފައިވަނީ ފަސް މީހެކެވެ. އެއީ ތިން ދިވެހިންނާއި ބަންގްލަދޭޝްގެ ދެ މީހެކެވެ.