ކުއްލި ޚަބަރު

ރާއްޖޭގައި ފަރުވާ ދިން މީހުންގެ ތެރެއިން ކޮވިޑުން ރަނގަޅުވީ މީހުންގެ އަދަދު 401 އަށް އަރައިފި

ރާއްޖޭގައި ފަރުވާ ދިން މީހުންގެ ތެރެއިން ކޮވިޑުން ރަނގަޅުވީ މީހުންގެ އަދަދު 401 އަށް އަރައިފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 16 މީހަކު މިއަދު ރަނގަޅުވެފައިވާ ކަމަށެވެ. އެއާއެކު އެބަލިން ރަނގަޅުވި މީހުންގެ އަދަދު 401 އަށް އަރާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަބްރޫކު މިރޭ ހާމަކުރެއްވި މައުލޫމާތަށް ބަލާއިރު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 1672 އަށް އަރައިފައެވެ. އެއީ ރޭ 12:00 އިން މިރޭގެ ނޫސްވެރިންގެ ބައްދަލުވުމާ ހަމައަށް ޕޮޒިޓިވްވި 81 މީހުންނާއެކުއެވެ.

އޭގެ އިތުރުން ކަރަންޓީނުގައި މިވަގުތު 1478 މީހުން ތިބިއިރު އައިސޮލޭޝަންގައި 1291 މީހުން އެބަ ތިބި ކަމަށް މަބްރޫކު ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް މަރުވެފައިވަނީ ފަސް މީހެކެވެ. އެއީ ތިން ދިވެހިންނާއި ބަންގްލަދޭޝްގެ ދެ މީހެކެވެ.