ކުއްލި ޚަބަރު

ކޮވިޑް 19އާ ގުޅޭ ހާއްސަ ބިލެއް ސަރުކާރުން މަޖިލީހަށް ފޮނުވައިފި

އަލީ ޔާމިން

"އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020"ގެ ނަމުގައި ބިލެއް އެކުލަވާލައި، ސަރުކާރުގެ ފަރާތުން އެ ބިލު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

މިއަދު ބަންޑާރަ ނައިބުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ބިލުގައިވާ ގޮތުން އެއްވެސް ފަރާތެއް މަގުމަތިވިޔަ ނުދިނުމަށްޓަކައި، ދިރިއުޅުމަށް ކުއްޔަށްދީފައިވާ ތަންތަނުން ދެ މަސް ދުވަހުގެ ނޯޓިސް ދިނުމަކާ ނުލައި މީހުން ނެރިގެންނުވާނެއެވެ. މިކަން ލާޒިމުކުރަން ބިލުގައި ހިމަނާފައިވަނީ ނޯޓިހުގެ މުއްދަތު ހަމަވުމުގެ ކުރިން އެތަނުގައި ދިރިއުޅޭ ފަރާތްތައް ތަނުން ނުނެރެވުނަސް، ކުއްޔަށް ދޭ ފަރާތަށް ކުލީގެ އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ ކުލި ދެއްކުމުން ބަރީއަނުވާ ގޮތަށެވެ.

ބިލުގައިވާ ގޮތުން ކުއްޔަށް ދީފައިވާ ތަންތަނުގައި ދިރިއުޅޭ ފަރާތްތަކަށް ލިބެން ޖެހޭ އަސާސީ އެއްވެސް ހިދުމަތެއް މެދުކަނޑާލައިގެން ނުވާނެއެވެ.

މީގެ އިތުރުން ކޮވިޑް 19އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ދިރިއުޅޭނެ ތަނެއް ނެތި މަގުމަތިވެފައިވާ މީހުންނަށް ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭ އިރު، އެތަންތަނުގައި ފުރިހަމަވާންޖެހޭ އެންމެ އަސާސީ މިންގަނޑުތައްވެސް ބިލުގައި ހިމަނައިފައިވެއެވެ. މީގެ އިތުރުން ކޮވިޑުގެ ސަބަބުން ކާބޯތަކެތީގެ ދަތިކަން ދިމާވެފައިވާ މީހުންނަށް އުސޫލެއްގެ ދަށުން ކާބޯތަކެތި ފޯރުކޮށްދޭން ޖެހޭނެކަމަށްވެސް ބިލުގައިވެއެވެ.

ބިލުގައި ވަނީ ވަޒީފާއާ ބެހޭ އެންމެހާ ހައްގުތައް މުވައްޒަފުންނަށް ދިނުން ލާޒިމުކޮށްފައެވެ. އެގޮތުން ކޮވިޑާ ގުޅިގެން މުވައްޒަފުންނަށް ހާއްސަ ސަލާމާއި އާއިލީ ޒިންމާގެ ޗުއްޓީއާއި އެނޫންވެސް ހާއްސަ ޗުއްޓީ ދޭންވާނެ ކަމަށް ބުނެފައިވެއެވެ.

ކޮވިޑުގެ ސަބަބުން ވަކި ހާލަތްތަކެއްގައި މުވައްޒަފުން ވަޒީފާއިން ވަކިކުރެވިދާނެ ކަމަށް ބިލުގައިވެއެވެ. އެގޮތުން ވަޒީފާދޭ ފަރާތުގެ ވިޔަފާރިއަށް ނުރަނގަޅު އަސަރުކޮށްފައި ވުމާއެކު، އެފަދައިން ކޮށްފައިވާ ނުރަނގަޅު އަސަރުގެ ސަބަބުން ވަޒީފާދޭ ފަރާތަށް ލިބެމުންއައި އާމްދަނީ ދަށްވެ، އެ އާމްދަނީން މުވައްޒަފުންނަށް ކުރިން ދެމުން އައިސްފައިވާ މުސާރަ އާއި އިނާޔަތްތައް ދެމުން ނުގެންދެވޭ މިންވަރަށް ވަޒީފާދޭ ފަރާތުގެ ވިޔަފާރިއަށް އަސަރުކޮށްފައިވާ ހާލަތް ހިމެނެއެވެ.

މިފަދަ ހާލަތެއް ދިމާވެއްޖެ ނަމަ މުވައްޒަފުން ވަޒީފާއިން ވަކި ކުރުމުގެ އިތުރުން، މުވައްޒަފުންގެ މުސާރައަށް ބަދަލު ގެނައުމަށް ނުވަތަ މުސާރަ ނުލިބޭގޮތަށް ޗުއްޓީއަށް ފޮނުވުމުގެ ހުއްދަ ދިނުމަށް ވެސް ބިލުގައި ކަނޑައަޅާފައިވެއެވެ.

ކޯޓުތަކުގައާއި ޓްރައިބިއުނަލްތަކުގައި އޯޑިއޯ ނުވަތަ ވީޑިއޯ ލިންކް މެދުވެރިކޮށް މައްސަލަތައް ކުރިއަށްގެންދާނެ ގޮތް ހަމަޖެއްސުމަށް ވެސް ބިލުގައި ހިމަނާފައިވެއެވެ. އަދި ޓެކުހާ ގުޅޭގޮތުން ލުއިތައް ދެވޭނެ ގޮތާއި އެކަމާގުޅޭ އުސޫލުތައްވެސް ބިލުގައި ހިމަނާފައިވެއެވެ.