މާދަމާއިން ފެށިގެން އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ އިދާރާތައް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.
ރައީސް އޮފީހުން ބުނީ މާދަމާއިން ފެށިގެން އަންނަ މަހުގެ 11ގެ ނިޔަލަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ކޮންމެ ހަފުތާއެއްގެ ހޯމަ، އަންގާރަ، ބުދަ، މި ތިން ދުވަހު ހެނދުނު 9:00 އިން މެންދުރު 1:00 އަށް ސަރުކާރުގެ އިދާރާތައް ހުޅުވުމަށް ރައީސް ހަމަޖައްސަވާފައިވާ ކަމަށެވެ. އިދާރާތައް ހުޅުވި ނަމަވެސް، އެ އިދާރާތަކަށް ރައްޔިތުން ހާޒިރުވެގެން ހިދުމަތް ހޯދުމުގެ ފުރުސަތު ހުޅުވައިނުލުމަށްވެސް ސަރުކާރުގެ އޮފީސްތަކަށް ވަނީ އަންގައިފައެވެ.
މީގެ އިތުރުން ސަރުކާރުގެ އިދާރާ ހުޅުވައިގެން ކުރާނެ މަސައްކަތްތައް އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެ އިދާރާއެއްގެ އެންމެ އިސްވެރިޔާ ކަނޑައަޅުއްވަންވާނެ ކަމަށާއި އިދާރާއެއް ހުޅުވާނީ އެ އިދާރާއަށް މުވައްޒަފުން ހާޒިރުވެގެން އެ އިދާރާއަކުން މި ދުވަސްވަރު ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެކަނި ކަމަށް އަންގާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ. އަދި ވީހައި މަދު އަދަދެއްގެ މުވައްޒަފުން މަސައްކަތަށް ނެރުމަށް ވެސް ސަރުކާރުގެ އޮފީސްތަކަށް ވަނީ އަންގައިފައެވެ.
ރައީސް އޮފީހުން ބުނީ ސަރުކާރުގެ އިދާރާތައް ހުޅުވަން ހަމަޖެއްސި ދުވަސްތަކާއި ވަގުތުތަކުގެ އިތުރުން އެހެން ވަގުތެއްގައި ސަރުކާރުގެ އިދާރާއެއް ހުޅުވައިގެން ކޮންމެހެން މަސައްކަތެއް ކުރަން ޖެހިއްޖެ ހިނދެއްގައި، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިއަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ އިދާރާއެއް ހުޅުވައިގެން އެ މަސައްކަތް ކުރުމަށް އަންގާފައިވާނެ ކަމަށެވެ.
މީގެ އިތުރުން ސަރުކާރުގެ އިދާރާއެއް ހުޅުވައިގެން މަސައްކަތް ކުރަންވާނީ އެ އިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކުގެ ތަފްސީލު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް އެ އިދާރާއަކުން ހުށަހަޅައި، އެ އެޖެންސީން ކަނޑައަޅާ ގޮތެއްގެ މަތިން އަދި އެ އެޖެންސީން ކަނޑައަޅާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ކަމަށާއި ސަރުކާރުގެ އިދާރާއެއް ހުޅުވި ނަމަވެސް، މިހާރެކޭވެސް އެއްފަދައިން ގޭގައި މުވައްޒަފުން ތިބެގެން ކުރެވެން ހުރި މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށާއި، އޮންލައިންކޮށް ދެވެން ހުރި ހިދުމަތްތައް އޮންލައިންކޮށް ދެމުން ގެންދިއުމަށްވެސް އޮފީސްތަކަށް އަންގަވާފައިވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.