ސްޓެލްކޯ

ރީޑިން ނަގަން ތަންތަނަށް ނުގޮސް މި އަހަރު ފަހުކޮޅުން ފެށިގެން ކަރަންޓު ބިލު ތައްޔާރުކުރެވޭނެ: ސްޓެލްކޯ އެމްޑީ

ރީޑިން ނަގަން ތަންތަނަށް ނުގޮސް މި އަހަރު ފަހުކޮޅުން ފެށިގެން ކަރަންޓު ބިލު ތައްޔާރުކުރެވޭނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފި އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ މެނޭޖިންޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ ކުރިއަށް އޮތްތަނުގައި ރީޑިން ނަގަން ތަންތަނަށް ނުގޮސް އެކަން ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށް އެބަ ގެންދާ ކަމަށެވެ.

އެގޮތުން މިއަހަރުގެ ތެރޭގައި އެކަމުގެ އަމަލީ މަސައްކަތް ފެންނަ ހިސާބަށް ދެވޭ ގޮތަށް ހަމަޖެހިފައި އޮތްކަމަށެވެ. ނަމަވެސް ކޮވިޑް 19 އާ ގުޅިގެން އެމަސައްކަތް ލަސްވެފައިވާ ކަމަށާއި މިހާރު އޮތް ގޮތުން ނަމަ އެމަސައްކަތް މި އަހަރުގެ ފަހުކޮޅު ފެނިގެންދާނެ ކަމަށެވެ.

މުޣުނީ ވިދާޅުވީ މިހާރު ބޭނުންކުރަމުން އަންނަ މީޓަރުގެ ބަދަލުގައި ސްމާޓް މީޓަރު ތަކެއް ހަރުކުރެވިގެންދާނެ ކަމަށެވެ. ސްޓެލްކޯގެ މުވައްޒަފުން ގޭގެޔަށް ގޮސްގެން މީގެ ކުރިން ރީޑިން ނަގަމުން ދިޔަ ނަމަވެސް ކޮވިޑް 19 އާ ގުޅިގެން އަޅާފައިވާ ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ކޮންމެ ގެޔަކުންވެސް އެގެއެއްގެ މީޓަރުގެ ފޮޓޯއެއް ފޮނުވަން ސްޓެލްކޯ އިން ވަނީ އެދިފައެވެ. އެގޮތުން ފޮޓޯ ފޮނުވާ މީހުންނަށް އެމަހެއްގައި އަރާފައިވާ ސީދާ އަދަދު ދައްކަން ޖެހޭ އިރު މީޓަރުގެ ފޮޓޯ ނުފޮނުވާ ގޭބިސީތަކަށް އެވްރެޖް ބިލެއް ފޮނޮވުމަށް ސްޓެލްކޯއިން ވަނީ ނިންމައިފައެވެ.