ސްޓެލްކޯ

ނޫސްވެރީންގެ ބައްދަލުވުމުގައި ސުވާލުކުރުމުން ވެސް ސްޓެލްކޯ އެމްޑީގެ މުސާރައާއި އިނާޔަތް ހާމައެއް ނުކުރި

1

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މެނޭޖިން ޑައިރެކްޓަރުގެ މުސާރައިގެ މައްސަލައިގައި މީސްމީޑިއާގައިވެސް އެ މައްސަލަ ހޫނުވެ، ސްޓެލްކޯއިން އެ މައްސަލައިގައި މަޖިލީހަށް ވެސް ސިޓީއެއް ފޮނުވާފައި ވަނިކޮށް، މިއަދުގެ ނޫސްވެރީންގެ ބައްދަލުވުމުގައި އެ ކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ވެސް ސްޓެލްކޯއިން އެކަމަށް ޖަވާބެއް ނުދިނެވެ.

މުޣުނީއަށް ލިބިވަޑައިގަންނަވާ މުސާރަ އާއި އިނާޔަތްތައް ހާމަކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާގައި އާއްމުވި ގޮތް ހޯދައިދިނުމަށް އެދި އެ ކުންފުނިން މިމަހުގެ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ވަނީ ސިޓީއެއް ފޮނުވައިފައި ވުމުން އެމައްސަލައަށް ވަނީ ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފަ އެވެ. އަދި އެއީ ސިއްރު ނުކޮށް ހާމަކުރަން ޖެހޭ މައުލޫމާތެއް ކަމަށްވެސް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ.

އެކަމާއި ގުޅޭގޮތުން މަޖިލިސް ރައީސަށް އެޑްރެސްކޮށް ފޮނުވާފައިވާ އެ ސިޓީގައި ވަނީ މަޖިލީހުގެ އިދާރާގެ ބޭނުމަށް އެ ކުންފުނިން ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާގައި ލީކުވުމުގެ ސަބަބުން، ކުންފުންޏާ މެދު ރައްޔިތުން ދެކޭ ގޮތް ބަދަލު ކުރުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށާއި، އެ ސިޓީ ބޭނުންކޮށްގެން ދައުލަތާއި ދައުލަތުގެ އިދާރާތަކާމެދު ނަފުރަތު އުފައްދަން ބަޔަކު މަސައްކަތް ކުރާތީ ސިޓީ ލީކުވި ގޮތެއް ހޯދައިދިނުމަށް އެދޭ ކަމަށެވެ.

ނަމަވެސް އެމައްސަލައިގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ ސްޓެލްކޯ ކުދީންނަށް މަޖިލިސް ރައީސަށް ސިޓީ ނުފޮނުވޭނެ ކަމަށާއި، އެއީ ގާނޫނީ ގޮތުންވެސް ނުކުރެވޭނެ ކަމެއްކަން ސްޓެލްކޯ ކުދީންނަށް އެނގެން ޖެހޭނެ ކަމެއްކަމަށެވެ.

މި މައްސަލައިގައި އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒް މޫސާ ދާދި ފަހުން ވިދާޅުވެފައިވަނީ ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ އެއްވެސް އިދާރާއެއްގެ މުވައްޒަފެއްގެ މުސާރަ އާއި އިނާޔަތަކީ ރައްޔިތުންނަށް ސިއްރުވާން ޖެހޭ މައުލޫމާތުތަކެއް ނޫން ކަމަށެވެ.

ނަމަވެސް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯގެ އެމްޑީގެ މުސާރައާ ގުޅޭގޮތުން "ވަން" އިން ސުވާލު ކުރުމުން މުޣުނީ އެސުވާލަށް އެއްވެސް ޖަވާބެއް ނުދެއްވި އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިކަމާއި ގުޅޭގޮތުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އޮތް ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ(ސްޓެލްކޯ)ގެ މެނޭޖިން ޑިރެކްޓަރުގެ މުސާރަ ބަޔާންކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނޮވި ސިޓީއެއް މީސް މީޑިއާގައި އާންމު ވާން ޖެހުނު ސަބަބު ހޯދުމަށް މަސައްކަތް ކުރުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެކަން ތަހުގީގު ކުރުމުގެ ބަދަލުގައި ހާމަކަން ބޮޑު ހިންގުމުގެ ސަގާފަތެއް ގާއިމު ކުރުމަށް ގޮވައިލާ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟