މުސާރައިގެ މައްސަލައިގައި މަޖިލިސް ރައީސް، ރައީސް ނަޝީދު ދެއްވި ޖަވާބަށް ރައްދުދެއްވަން ބޭނުންވެވަޑައި ނުގަންނަވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މެނޭޖިން ޑައިރެކްޓަރު ހަސަން މުޣުނީ ވިދާޅުވެއްޖެ އެވެ.
ސްޓެލްކޯގެ އެމްޑީގެ މުސާރަ ހާމަކުރި މައްސަލައިގަ ހިތްހަމަނުޖެހިގެން އެ ކުންފުނީން މަޖިލީހަށް ސިޓީއެއް ފޮނުއްވި މައްސަލައިގައި، ސްޓެލްކޯ ކުދީންނަށް މަޖިލިސް ރައީސަށް ސިޓީ ނުފޮނުވޭނެ ކަމަށާއި އަދި އެއީ ގާނޫނީ ގޮތުންވެސް ނުކުރެވޭނެ ކަމެއްކަން ސްޓެލްކޯ ކުދީންނަށް އެނގެން ޖެހޭނެ ކަމަށް މަޖިލިސް ރައީސް، ރައީސް ނަޝީދު ވިދާޅުވެފައިވާތީ، ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން "ވަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުޣުނީ ވިދާޅުވީ އެކަމަށް ރައްދުދެއްވަން ބޭނުންވެވަޑައި ނުގަންނަވާ ކަމަށެވެ.
މުޣުނީ ވިދާޅުވީ ގައުމުގެ ތިންބާރު ވަކިވެފައިވާއިރު އެއްބާރުގެ އިސް ބޭފުޅަކު އެކަމާ ގުޅޭގޮތުން އެއްޗެއް ބުނެފައިވާތީ ސްޓެލްކޯއިން އެކަމާ ގުޅޭގޮތުން ޗެލެންޖް ކުރަން ބޭނުން ނުވާ ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން ދޭނެ ޖަވާބެއް ނެތްކަމަށެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީއަށް ލިބިވަޑައިގަންނަވާ މުސާރަ އާއި އިނާޔަތްތައް ހާމަކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާގައި އާއްމުވި ގޮތް ބަލައިދިނުމަށް އެދި އެ ކުންފުނިން މިމަހުގެ ހަ ވަނަ ދުވަހު ވަނީ ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވައިފައެވެ.
މަޖިލިސް ރައީސަށް އެޑްރެސްކޮށް ފޮނުވާފައިވާ އެ ސިޓީގައި ވަނީ މަޖިލީހުގެ އިދާރާގެ ބޭނުމަށް އެ ކުންފުނިން ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާގައި ލީކުވުމުގެ ސަބަބުން، ކުންފުންޏާ މެދު ރައްޔިތުން ދެކޭ ގޮތް ބަދަލު ކުރުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށާއި، އެ ސިޓީ ބޭނުންކޮށްގެން ދައުލަތާއި ދައުލަތުގެ އިދާރާތަކާމެދު ނަފުރަތު އުފައްދަން ބަޔަކު މަސައްކަތް ކުރާތީ ސިޓީ ލީކުވި ގޮތެއް ހޯދައިދިނުމަށް އެދޭ ކަމަށެވެ.
މިކަމާއި ގުޅިގެން މީގެ ކުރިން ސްޓެލްކޯ އިން ބުނެފައިވަނީ މެނޭޖިންގް ޑިރެކްޓަރުގެ މުސާރަ ހަމަޖައްސަނީ ފިނޭންސް މިނިސްޓްރީން ކުންފުނިތައް ގިންތި ކޮށް މުސާރަ ކަނޑައަޅަން ނިންމާފައިވާ ގޮތުގެ މަތިން ކަމަށެވެ. އެގޮތުން މި ސަރުކާރު އައުމުގެ ކުރިން ސްޓެލްކޯގެ އެމްޑީގެ މުސާރަ ކަނޑައަޅަނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ. އަދި މި ސަރުކާރު އައުމަށްފަހު ސަރުކާރު ކުންފުނިތައް ހިންގުން އިތުރަށް ހަރުދަނާ ކުރި ކަމަށާއި ކުންފުނިތަކާއި ރައްޔިތުންގެ މެދުގައި އިތުބާރު ދެމެހެއްޓުމަށް ފިޔަވަޅުތަކެއް އެޅި ކަމަށް ސްޓެލްކޯއިން ވަނީ މީގެ ކުރިން ބުނެފައެވެ.