މުހައްމަދު އައުޒަމް
ޖޯޖް ފްލޮއިޑްގެ މަރާއެކު މުޅި އެމެރިކާ ހަމަނުޖެހުމުގެ ތެރެޔަށް ވެއްޓިއްޖެއެވެ.
ނަސްލީ ތަފާތުކުރުން ގިނަ އެމެރިކާގެ އެންމެ ބޮޑު ސިޓީ ކަމަށްވާ މިނެޕޮލިސް ގައި ކަޅު ނަސްލަށް ނިސްބަތްވާ ޖޯޖް ފްލޮއިޑް އަނިޔާވެރިކޮށް ހައްޔަރު ކުރުމުގެ ތެރޭގައި އޭނާ ވަނީ މަރުވެފައެވެ. ޖޯޖް ފްލޮއިޑް ހައްޔަރު ކޮށްފައިވަނީ އޭނާ މިނެޕޮލިސްގެ ފިހާރަޔަކުން 20 ޑޮލަރުގެ ވަގު ނޫޓެއް ބޭނުން ކޮށްގެން ވިޔަފާރި ކުރަން އުޅުމުގެ ކުށުގައި ކަމަށް ފުލުހުންގެ ސްޓޭޓްމަންޓްގައި ބުނެފައިވެއެވެ.
ޖޯޖް ފްލޮއިޑްގެ މަރާއެކު މުޅި އެމެރިކާގައި ހަމަނުޖެހުން ވަނީ އިތުރުވެފައެވެ. އެގައުމުގެ ގިނަ ސިޓީތަކުގައި ނަސްލީ ތަފާތު ކުރުމާ ދެކޮޅަށް މުޒާހަރާތައް ފަށާފައިވާއިރު ޖޯޖް ފްލޮއިޑް މަރައިލި ސިޓީގައި ބޮޑެތި ހަމަނުޖެހުންތަކެއް ދަނީ ހިންގަމުންނެވެ.
މިނެޕޮލިސް ސިޓީގެ ގިނަ އިމާރާތްތަކެއްގައި ހުޅު ޖަހާފައިވާއިރު އެސިޓީގެ ފުލުހުންގެ އިދާރާވެސް ވަނީ ހުޅުޖަހައި އަންދާލާފައެވެ. މިނެޕޮލިސްގެ މޭޔަރުވަނީ މުޒާހަރާތައް ކޮންޓްރޯލް ނުވެ ބޮޑެތި ގެއްލުންތަކެއް ވާން ފެށުމާއެކު އެސިޓީގައި ކާފިއު އިއުލާން ކޮށްފައެވެ.
ޖޯޖް ފްލޮއިޑްގެ މަރުގެ ތަހުގީގު ފަށާފައިވާއިރު އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ކަން ހިނގައި ދިޔަގޮތުގެ މަންޒަރު ފެންނަ ވީޑިއޯތަކެއް ވަނީ ދައުރުވާން ފަށައިފައެވެ.
ވީޑިއޯތަކުން ފެންނަގޮތުން ޖޯޖް ފްލޮއިޑް ހައްޔަރުކޮށް ބިންމައްޗައް ވައްޓާލައި ފުލުސް އޮފިސަރު ވަނީ އޭނާގެ ކަރުމަތީގައި ކަކުލުން ވިއްދާފައެވެ. އެއާއެކު ނޭވާ ނުލެވޭ ކަމަށް ޖޯޖް ފްލޮއިޑް ބުނަބުން ދިޔަކަމަށް ވީޑިއޯ އިން ފާހަގަ ކުރެވެއެވެ.
ޖޯޖް ފްލޮއިޑްގެ މަރާ ގުޅިގެން ތަހުގީގު ފަށާފައިވާއިރު އޭނާގެ މަރުގެ ފަހަތުގައިވާ ކަމަށް ތުހުމަތުކުރެވޭ އޮފިސަރު ޑެރެކް ޗައުވިންގެ އިތުރުން އެކަމުގައި ހަރަކާތްތެރި ވި އެހެން ތިން އޮފިސަރަކު ހައްޔަރުކޮށް ވަޒީފާއިން ވަނީ ވަކިކޮށްފައެވެ. މި ހަތަރު ފުލުހުންގެ މައްޗަށް ޖޯޖް ފްލޮއިޑް މަރާލިކަމުގެ ދައުވާވެސް މިހާރު ވަނީ އުފުލައިފައެވެ.