އަލީ ޔާމިން
މަސައްކަތްކުރުމަށް ހުއްދަ ލިބޭނީ ޕެންޝަން އޮފީހުގައި ރަޖިސްޓްރީކޮށްފައިވާ މުވައްޒަފުންނަށް ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ރަޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިސާމް ވިދާޅުވީ، ހުރިހާ ވިޔަފާރިތަކެއްގައިވެސް މަސައްކަތްކުރާ މުވައްޒަފުންނަށް ހުއްދަ ދޫކުރެވޭނީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގައި ރަޖިސްޓަރީކޮށްފައިވާ މުވައްޒަފުންނަށް އެކަނި ކަމަށެވެ.
ވިސާމް ވިދާޅުވީ، ވިޔަފާރިތަކަށް ހުއްދަދޭ އިރު، ދިހަ މުވައްޒަފުންނަށްވުރެ މަދު ނަމަ ހުއްދަ ދޭނީ ދެ މުވައްޒަފުންނަށް ކަމަށެވެ.
"އެ ތަނެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު 10 އަށްވުރެ މަދު ނަމަ، ހުއްދަ ދޭނީ ދެ މުވައްޒަފުންނަށް. މުވައްޒަފުންގެ އަދަދު 10 އާއި 30 އާ ދެމެދުގެ އަދަދެއްނަމަ، ފަސް މުވައްޒަފުންނަށް އަދި މުވައްޒަފުންގެ އަދަދު 30 އަށްވުރެ މަތިނަމަ، 20 ޕަސެންޓު މުވައްޒަފުންނަށް،" ވިސާމް ވިދާޅުވިއެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ވަނީ ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހިންގާ އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހުއްދަ ދޫކުރާނެ އުސޫލު އާންމުކޮށްފައެވެ.
ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހިންގާ އޮފީސްތަކުން ހުއްދައަށް އެދި ހުށަހަޅާނީ، އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުގައިވާ އިއުލާނާއެކު ޝާއިއުކޮށްފައިވާ އެކްސެލް ޝީޓުގައި ބަޔާންކުރާ މައުލޫމާތު ފުރިހަމަކުރުމަށްފަހު، މިނިސްޓްރީގެ އީމެއިލް އެޑްރެސް mv.gov.trade@supplies_covid19 އަށެވެ.
މިގޮތުން ހުއްދަ ދޫކުރެވޭނީ، ކަސްޓަމަރުންނަށް ހުޅުވާނުލައި، ހަމައެކަނި ވިޔަފާރިކުރާ ފަރާތުން ރަޖިސްޓަރީކޮށްފައިވާ އޮފީހެއްގައި މަސައްކަތްކުރަން ބޭނުންވާ މުވައްޒަފުންނަށް ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
އެ އުސޫލުގައި ބުނެފައިވަނީ ހުއްދަ ދޭނީ ޕެންޝަން އޮފީހުގައި ރަޖިސްޓްރީކޮށްފައިިވާ މުވައްޒަފުންނަށް ކަމަށާއި ޕެންޝަން އޮފީހުގައި ރަޖިސްޓަރީކޮށްފައިވާ މުވައްޒަފަކު ނެތްނަމަ، ހުއްދަ ދޫކުރާނީ ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތަށް ކަމަށެވެ.