އަލީ ޔާމިން
ރަށްރަށަށް ދާން ޖެހޭ 2600 މީހަކު ކަރަންޓީނު ފެސިލިޓީތަކަށް ފޮނުވިފައިވާ ކަމަށް ލޯކަލް ގަވަމަންޓް އެޖެންސީ (އެލްޖީއޭ) އިން ބުނެފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެލްޖީއޭގެ ޑިރެކްޓާ ޖެނެރަލް އާދަމް ޝަރީފު ވިދާޅުވީ، ލޮކްޑައުންއާ ގުޅިގެން މާލޭގައި ތާށިވި މީހުންނާއި، ރިސޯޓުތަކުން ރަށްރަށަށް ނުދެވި ތާށިވެފައިވާ މީހުން ހިމެނޭހެން ރަށްރަށަށް ދާން ޖެހޭ ޖުމްލަ 2600 މީހަކު ކަރަންޓީން ފެސިލިޓީތަކަށް ފޮނުވިފައިވާ ކަމަށެވެ.
"ލޮކްޑައުން ޓާސްކްފޯސް ތެރޭގައި މަސައްކަތް މިކުރެވެނީ ހުރިހާ ފަރާތްތަކަށްވެސް ރަށްރަށަށް ފޮނުވުމަށް. އެގޮތުން މިހާތަނަށް 2600 މީހަކު ވަނީ ކަރަންޓީން ފެސިލިޓީތަކަށް ފޮނުވިފައި،" އާދަމް ވިދާޅުވިއެވެ.
އާދަމް ވިދާޅުވީ، އިގުތިސާދީ ގޮތުން އައި ހީނަރުކަމާއެކު މާލޭގައި ދިރިއުޅޭ އަތޮޅުތެރޭގެ ރައްޔިތުންގެ ތެރެއިންވެސް ގެއްލުންވި ބައެއް މީހުން ރަށްރަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ރަށްރަށަށް ފޮނުވުމުގައި އެންމެ ބޮޑަށް އިސްކަންދޭނީ ބޭސްފަރުވާއަށް މާލެ އައިސް ލޮކްޑައުންގެ ސަބަބުން މާލޭގައި ތާށިވި މީހުންނާއި، ކުރު މުއްދަތަށް މާލެއައިސް ތާށިވެފައި ތިބި މީހުންނަށް ކަމަށް އާދަމް ވިދާޅުވިއެވެ.
މީގެ އިތުރުން އާދަމް ވިދާޅުވީ، ފެސިލިޓީތައް ހުސްވާ ވަރަކަށް ލޮކްޑައުން ކޮމިޓީގެ ލިސްޓުގައިވާ ތަރުތީބުން މީހުން ކަރަންޓީން ފެސިލިޓީތަކަށް ފޮނުވަމުން ގެންދާނެ ކަމަށެވެ.