ކުއްލި ޚަބަރު

"ފިހާރަތަކުގައި ހިދުމަތްދޭ އެންމެން މާސްކް އަޅަން ލާޒިމް، މާސްކް ނާޅާ މީހުން ފިހާރަޔަށް ވައްދައިގެންވެސް ނުވާނެ"

ފިހާރަތަކުގައި ހިދުމަތްދޭ އެންމެން މާސްކް އަޅަން ލާޒިމް ކަމަށާއި މާސްކް ނާޅައި ތިބޭ މީހުން ފިހާރަޔަށް ވައްދައިގެންވެސް ނުވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވެއްޖެއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިސާމް ވިދާޅުވީ، މިހާރު އާންމު ކޮށްފައިވާ އުސޫލުގައި ވެސް ފިހާރައެއްގައި މަސައްކަތްކުރާ މުވައްޒަފަކު މަސައްކަތަށް ނުކުންނައިރު އޭނާގެ ގައިގާ ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ އެ ފިހާރައިގައި މަސައްކަތްކުރަން ނެރިގެން ނުވާނެ ކަމަށެވެ.

ފިހާރައަށް ވަންނަ މީހުންގެ ދޭތެރޭގައި ތިން ފޫޓުގެ ދުރުމިނެއް ބެހެއްޓުމަށް އާދަކުރަންޖެހޭނެ ކަމަށާއި އެކަން ތަންފީޒު ކުރުމަށްޓަކައި އޭރަކު ފިހާރައިގައި ހުންނަ މީހަކު މަސައްކަތް ކުރަންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އިއުލާނުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފަ އޮންނާނީ މާސްކު އަޅައިގެން ތިބެންޖެހޭނީ އެ ފިހާރައެއްގައި މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކުން ވެސް އަދި ހަމައެއާއެކީގައި އެ ފިހާރައަށް ވަންނަން، އެ ފިހާރައެއްގެ ކުޑަ ބޮޑު މިނަށް ބަލާފަ ވަންނަން ކަނޑައަޅާފައި އޮންނަ އަދަދާ އެއްގޮތްވާ ގޮތުގެ މަތިން ވައްދާ މީހުން ވެސް އެބަޖެހޭ މާސްކު އަޅާފައި ހުރިކަން ކަށަވަރު ކުރަންޖެހޭ،" ވިސާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ވިޔަފާރިތަކުން ޑެލިވަރީއަށް ހުޅުވާލިއިރުގައި ވެސް ޑެލިވަރީގައި ހަރަކާތްތެރިވާ ހުރިހާ މީހުންނަކީ ވެސް މާސްކު އަޅާ ބައެއްކަން ކަށަވަރުކުރަން ލާޒިމްވާނެ ކަމަށެވެ. ނަމަވެސް މިކަންކަމަށް ތަބާވުމުގައި އަމިއްލަ އިސްނަގަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުންގެ ހާލަތަށް އިއްޔެ އިން ފެށިގެން ލުއިތަކެއް ދޭން ފަށާފައިވާއިރު ލުއި ދިނުމުގެ ފުރަތަމަ މަރުހަލާގެ ދަށުން ޒަރޫރީ ކަންކަމުގައި ހިދުމަތްދޭ ތަންތަނާއި ފިހާރަތައް ވިޔަފާރިކުރުމަށް ކަސްޓަމަރުންނަށް ހެނދުނު 9:00 އިން ރޭގަނޑު 9:00 އަކަށް ހުޅުވާފައި ބެހެއްޓުމަށް ހުއްދަ ދީފައިވެއެވެ.

އެގޮތުން ހުއްދަ ދީފައިވާ ވިޔަފާރިތަކަކީ ސުޕަމާކެޓްތައް، ބޭކަރީތައް، ކަންމަތީ ފިހާރަތައް، ފާމަސީތައް، ބުކްޝޮޕްތައް، ކުޑަކުދިންގެ ތަކެތި ވިއްކާ ފިހާރަތައް އަދި ހާޑްވެއާ ފިހާރަތަކެވެ. އޭގެ އިތުރުން މޮބައިލް ފޯނު ފިހާރަތައް، އިލެކްޓޯނިކް ފިހާރަތައް، ފޮތި ފިހާރަތައް، ކުޅިވަރު ސާމާނު ވިއްކާ ފިހާރަތައް، ކޮސްމެޓިކްސް ވިއްކާ ފިހާރަތައް އަދި ރާއްޖޭގައި އުފައްދާ ތަކެތި ވިއްކާ ފަރާތްތަކަށް އޮންލައިންކޮށް ޑެލިވާކުރުމަށް ފުރުސަތު ވަނީ ހުޅުވާލައިފައެވެ.