އިބްރާހިމް ޒަކީ
އާ އިންތިހާބެއް ބާއްވައި ކައުންސިލަރުން މަގާމާ ހަވާލުވަންދެން، މިހާރު ތިބި ކައުންސިލަރުން އެމަގާމުގައި ދެމިތިބޭނެ ކަމަށް ކަނޑައަޅައި، އިންތިގާލީ މަރުހަލާގައި ތިބޭއިރު އެމީހުން އަމަލުކުރަންޖެހޭ އުސޫލުތައް ހިމެނޭ އާ ގާނޫނެއް ރައްޔިތުންގެ މަޖިލީހުން ހަދަން ޖެހޭގޮތަށް ގާނޫނު އަސާސީއަށް އިސްލާހުގެންނަން، މިރޭ ކުރިއައްދާ މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.
ކައުންސިލަރުންގެ ދައުރު އިތުރު ކުރަން، ސަރުކާރުން ހުށަހަޅާފައިވާ، ގާނޫނުއަސާސީއަށް ފަސްވަނަ އިސްލާހު ގެނައުމުގެ ގާނޫނު އިސްލާހުކޮށް އެ ގާނޫނުގައި ހިމަނައިގެން ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ (ބ)ގެ ފަހަތަށް އިތުރު ކުރާ ދެ އަކުރުގެ ގޮތުގައި މި އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.
އާޒިމް އެ އިސްލާހުތައް ހުށަހަޅާފައިވަނީ މިހާރު ހުށަހަޅާފައިވާ ބިލުގެ އެއްވަނަ މާއްދާ އުނިކުރުމަށް ފަހުގައެވެ.
ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ (ބ)ގެ ފަހަތަށް (ޅ) އެއްގެ ގޮތުގައި ހިމަނަން އާޒިމް ހުށަހަޅުއްވާފައިވަނީ، "މި މާއްދާގެ (ނ) ގައި އެހެން އޮތް ނަަމަވެސް ތިނެއް ޖޫން 2017 ގައި އިންތިހާބުކޮށްފައިވާ އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކުގެ އުމުރު، ހަމަވާއިރު، އެ ކައުންސިލްތަކައް، އާމެންބަރުން އިންތިހާބު ނުކުރެވިއްޖެ ހިނދެއްގައި އެ ކައުންސިލްތަކައް މެންބަރުން އިންތިހާބު ކުރުމަށް ބާއްވަންޖެހޭ އިންތިހާބު ބާއްވައި އެ ކައުންސިލްތަކަށް އަލަށް އިންތިހާބުކުރެވޭ މެންބަރުން އެމީހުންގެ މަގާމާ ހަވާލުވަންދެން މިހާރު އިންތިހާބު ކޮށްފައިވާ، އަދި މަގާމުތަކުގައި ދެމިތިބި ކައުންސިލަރުން އެމީހެއްގެ މަގާމުގައި ދެމިތިބޭނެ،" ކަމަށެވެ.
ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ (ނ)ގައި ބުނަނީ އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އިންތިހާބު ކުރެވޭ ކައުންސިލްތަކުގެ އުމުރަކީ ދިގުވެގެން ތިން އަހަރު ކަމަށެވެ.
އާޒިމްގެ ދެވަނަ އިސްލާހުގެ ގޮތުގައި، 231 ވަނަ މާއްދާގެ (ކ) އަށް ހުށަހަޅާފައިވަނީ މި މާއްދާގެ (ޅ)ގައި ބަޔާންކުރާ އިންތިގާލީ މުއްދަތުގައި މަގާމުގައި ދެމިތިބޭ ކައުންސިލްތަކުގެ މެންބަރުން މަގާމުގައި ދެމިތިބޭއިރު އެ މެމްބަރުން އަމަލު ކުރާނޭ އިންތިގާލި އުސޫލުތައް، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއްގައި ކަނޑައަޅަން ވާނެ،" ކަމަށެވެ.
މިރޭގެ ބައްދަލުވުމުގައި މި އިސްލާހުތައް ފާސްކޮށް، މި އިސްލާހުތައް ހިމަނައިގެން ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލްވެސް ވަނީ ފާސްކޮށްފައެވެ.
މި ބިލް ފާސްކުރީ ކޮމިޓީ ބައްދަލުވުމުގައި ތިއްބެވި 65 މެންބަރުންގެ ތެރެއިން 63 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
އަލީ އާޒިމްގެ އިތުރުން ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމާއި، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވެސް ގާނޫނަށް އިސްލާހު ހުށަހަޅުއްވިއެވެ.
ނަމަަވެސް ސަލީމްގެ އިސްލާހު އަނބުރާ ގެންދިޔައީއެވެ. އަދި ޝަރީފްގެ ހުށަހެޅުމަށް މެންބަރެއްގެ ތާއީދު ލިބިފައެއް ނުވެއެވެ.