މަސް ގަންނަން މަސް މާރުކޭޓަށް ދިޔުމުގެ ހުއްދައެއް އަދި ނެތް ކަމަށާއި މަސް މާރުކޭޓުން ހަމައެކަނި ކުރެވޭނީ ޑެލިވަރީ ކަމަށް މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން މާލެ ސަރަހައްދުގައި އިއުލާންކުރި ލޮކްޑައުންގެ ހާލަތަށް ލުއި ދިނުމަށް ނިންމި ނިންމުމުގެ ފުރަތަމަ މަރުހަލާގައި މަސްމާރުކޭޓުތައް ވެސް ހުޅުވޭނެ ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެޗްޕީއޭ އިން ބުނީ، މަސްމާރުކޭޓްތަކުން ހަމައެކަނި ފޯރުކޮށް ދެވޭނީ ޑެލިވަރީގެ ހިދުމަތް ކަމަށެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ، މަސްމާރުކޭޓު ސަރަހައްދަށް މީހުން އެއްވެސް އުޅުމަކީ ރަނގަޅު ކަމަކަށް ނުވާނެތީ، ހިތްވަރު ދެނީ ވެސް ޑެލިވަރީއަށް ދިއުމަށް ކަމަށެވެ.
"އެޗްޕީއޭ އިން ދެއްވާފައިވާ ހުއްދައިގައި މިވަނީ ވެސް ބޮޑަށް ޑެލިވަރީއަށް ދިއުމަށް. އެއްވެސް ހާލެއްގައި މަސް ގަންނަން މާރުކޭޓް ކައިރިއަށް ދިއުމަކަށް ފުރުސަތެއް ހުޅުވާލެވިފަކާއެއް ނެތް މިދެވޭ ކުޑަ ފުރުސަތުގެ ތެރޭގައި،" ޝިފާ ވިދާޅުވިއެވެ.
މޭޔަރު އިތުރަށް ވިދާޅުވީ، ވިސްނުމަކީ މަސްމާރުކޭޓުން މަސް ވިއްކުމަށްޓަކައި ޑެލިވަރީގެ ނިޒާމަކަށް ދިއުން ކަމަށާއި އެހެންކަމުން އެގޮތުގެ މަތިން ރައްޔިތުން ވެސް އަމަލުތައް ބަހައްޓައިދިނުން މުހިންމު ކަމަށެވެ.
މިމަހުގެ 20 އިން ފެށިގެން މަސްމާރުކޭޓުން މަސް ޑެލިވަރީކޮށްދޭން ވަނީ ފަށައިފައެވެ.