ޕޯޓަލްގައި ރަޖިސްޓްރީ ނުވެ ތިބި ބިދޭސީން ލައްވައި މަސައްކަތް ކުރުވަން ހުއްދައެއް ނުލިބޭނެ ކަމަށް މާލެ ސިޓީ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ޝިފާ ވިދާޅުވީ މިހާރުވެސް ރަޖިސްޓްރީކޮށްފައި ތިބި ބައިވަރު ބިދޭސީން އެބަ ތިބި ކަމަށެވެ.
"މިހާރުވެސް މާލޭގައި ގަވައިދުން އެންރޯލްކޮށްގެން ނުވަތަ ރަޖިސްޓްރީކޮށްފައި ތިބި ބައިވަރު ބިދޭސީން އެބަ ތިއްބެވި. އެހެންވީމާ ކުންފުނިތަކުން ގަވައިދާ ހިލާފަށް، ހުއްދަ ނުލިބޭ ބިދޭސީން ކުންފުނިތަކުން ނަގައިގެން މަސައްކަތްކުރުވުމުގެ ފުރުސަތެއް ކުރިއަށް އޮތްތަނުގައި ނޯންނާނެ،" އޭނާ ވިދާޅުވިއެވެ.
މޭޔަރު ޝިޕާ ވިދާޅުވީ ކޮވިޑަށް ފަހުވެސް ގަވައިދާ އެއްގޮތަށް އަމަލުތައް ބެހެއްޓިގެން ކުރިއަށްދިޔައީމަ މުޅި ސިޓީ ހިންގުމަށްޓަކައި ވެސް، ރައްޔިތުންގެ ވިޔަފާރިއަށްޓަކައި ވެސް، އަދި ބިދޭސީންގެ ތެރޭގައި ގަވައިދާ އެއްގޮތަށް އުޅޭ މީހުން ބޭނުންކޮށްގެން މަސައްކަތްތައް ކުރަމުން ގެންދިއުމަށް ވެސް ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި ސިޓީ ކައުންސިލުގެ ދައުރަކަށް މިހާރު ވެފައިވަނީ މުޅި މާލެ ސިޓީގައި ހިނގާ ވިޔަފާރީގެ ހުރިހާ މުއާމަލާތްތަކުގައި ފަސޭހަކޮށްދިނުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ސިޓީ ކައުންސިލުގެ ދައުރަކަށް މިހާރު ވެފައި މިވަނީ މުޅި މާލެ ސިޓީގައި ހިނގާ ވިޔަފާރީގެ ހުރިހާ މުއާމަލާތްތަކުގައި ފަސޭހަކޮށްދިނުން. އަދި އެ މުއާމަލާތްތައް ކުރެވިގެން މަސައްކަތްތަކަށް ނުކުންނަ އިރު، އެތަންތަން ބެލޭނެ ގޮތެއް ވެސް ވުން. މިސާލަކަށް ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރިއަށްއޮތް ތަނުގައި ވެސް ކުރިއަށްގެންދެވޭނީ ކޮންމެ ދުވަހަކު ވެސް ހެނދުނު 8:00 އިން ހަވީރު 5:00 އަށް. އެހެންވީމާ ޕާމިޓް ދެވުނަސް ރޭގަނޑު ގަޑީގައި މަސައްކަތްކުރާކަށް ފުރުސަތެއް ނުދެވޭ." އޭނާ ވިދާޅުވިއެވެ.