ކުއްލި ޚަބަރު

ކޮންސްޓްރަކްޝަން ހުއްދަ ހޯދުމަށް 700 އަށްވުރެ ގިނަ ފަރާތުން ހުށަހަޅައިފި

ކޮންސްޓްރަކްޝަން ހުއްދަ ހޯދުމަށް 700 އަށްވުރެ ގިނަ ފަރާތުން ހުށަހަޅައިފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލެ ސިޓީ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ ސިޓީ ކައުންސިލުގެ ދައުރަކަށް މިހާރު ވެފައިވަނީ މުޅި މާލެ ސިޓީގައި ހިނގާ ވިޔަފާރީގެ ހުރިހާ މުއާމަލާތްތަކުގައި ފަސޭހަކޮށްދިނުން ކަމަށާއި އަދި އެ މުއާމަލާތްތައް ކުރެވިގެން މަސައްކަތްތަކަށް ނުކުންނަ އިރު، އެތަންތަން ބެލޭނެ ގޮތެއް ވެސް ވުން ކަމަށެވެ.

"ފުލުހުންނަށް ހުށަހެޅިފައިވާ ޕާމިޓްތަކުގެ ތެރެއިން އަޅުގަނޑުމެން ބަލައިލި އިރު، ގާތްގަނޑަކަށް 700 އެއްހާ ފަރާތުން އެބައޮތް ކޮންސްޓްރަކްޝަނަށް އެކަނިވެސް ހުއްދައަށް އެދިފައި،" އޭނާ ވިދާޅުވިއެވެ.

މޭޔަރު ޝިފާ ވިދާޅުވީ ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރިއަށްއޮތް ތަނުގައި ވެސް ކުރިއަށްގެންދެވޭނީ ކޮންމެ ދުވަހަކު ވެސް ހެނދުނު 8:00 އިން ހަވީރު 5:00 އަށް ކަމަށާއި ރޭގަނޑު ގަޑީގައި މަސައްކަތްކުރުމަށް ފުރުސަތެއް ނުދެވޭނެ ކަމަށެވެ.

"ކޮންސްޓްރަކްޝަން މަސައްކަތްކުރާ ކުންފުނިތައް، ކޮންމެ ކުންފުންޏެއް ކަމުގައިވިޔަސް، އެކުންފުންޏެއްގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ކޮބައިކަން އަޅުގަނޑުމެންގެ ޕޯޓަލުން މައުލޫމާތު ފޯރުކޮށްދޭން ޖެހޭނެ. އެންމެ މުހިންމު ކަމަކީ ކޮންމެ ވިޔަފާރިއެއްގައި ވެސް ތިބި ބޭފުޅުން ވީހާވެސް ގިނަ މައުލޫމާތެއް، ވީ އެންމެ ރަނގަޅަކަށް އެ ޕޯޓަލްއަށް ފީޑު ކޮށްދެއްވުން. އަދި ހަމައެއާއެކު ކުންފުނިތައް ނަމަ، ކުންފުނި ރަޖިސްޓްރީ ކުރެއްވި އިރު، ތިބޭފުޅުންނަށް ލިބިވަޑައިގެންފައިވާ ނަންބަރު ވެސް އޭގެ ތެރޭގައި ހިމަނަން ޖެހޭ. އަދި ވެހިކަލެއް ކަމުގައިވިޔަސް." ޝިފާ ވިދާޅުވިއެވެ.