އިބްރާހިމް ޒަކީ
މިހާރު މިއޮތް ކުއްލި ނުރައްކަލުގެ ހާލަތު ނިމި، ކައުންސިލް އިންތިހާބު ބޭއްވިގެން، އަަލަށް ހޮވޭ ކައުންސިލަރުން މަގާމާ ހަވާލުވަންދެން މިހާރު ތިބި ކައުންސިލަރުން އެމަގާމުގައި ތިބެވޭގޮތަށް، ގާނޫނު އަސާސީގައި އިންތިގާލި ބާބެއް ހިމަނަން ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އިސްލާހު ހުށަހަޅުއްވައިފިއެވެ.
ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ފަހަތައް އިތުރުކުރާ އަކުރެއްގެ ގޮތުގައި ޝަރީފް މި އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލިސް ކޮމިޓީއަކަށް ބަދަލުކޮށްގެން މިރޭ ކުރިއަށްގެންދިޔަ ކޮމިޓީ ބައްދަލުވުމުގައެވެ.
މިރޭގެ ބައްދަލުވުމުގައި ކުރިއަށް ގެންދިޔައީ، މިހާރު ތިބި ކައުންސިލަރުންގެ މުއްދަތު އިތުރު ކުރުމަށް، ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހަޅާފައިވާ ބިލުގެ ބަހުސެވެ.
މި އިސްލާހު ހުށަހަޅުއްވަމުން ޝަރީފް ވިދާޅުވީ، މިހާރު މިއޮތް ހާލަތުގައިވެސް ކައުންސިލްތައް ދެމިތިބޭނެ ކަމަށް ސުޕްރީމް ކޯޓުން ބުނެފައިވާއިރު، މޮހޮނަށް އޮޑިދޭގޮތަށް އެކަން ނުކުރެވޭނެ ކަމަށެވެ.
ޝަރީފް މިހެން ވިދާޅުވީ، ކައުންސިލަރުންގެ މުއްދަތު އިތުރު ކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނައިރު، ދެން އިންތިހާބުވާ ކައުންސެލަރުން މަގާމާ ހަވާލުވުމާ ހަމައަށް މިހާރު ތިބި ކައުންސިލަރުން މަގާމުގައި ތިބޭ މުއްދަތުގައި އެމީހުން އަމަލު ކުރަންޖެހޭ ވަކި ގާނޫނެއް ހަދަން ހޯރަފުށީ ދާއިރާގެ މެންބަރު ހުށަހެޅުއްވި އިސްލާހާ ގުޅިގެންނެވެ.
ޝަރީފް ވިދާޅުވީ، ކައުންސިލްތައް ތަބާވަންޖެހޭ ބޮޑު ގާނޫނެއް އެބައޮތް ކަމަށާއި ލާމަރުކަޒީ ގާނޫނުން އެކަންތައް ހަމަޖެހޭނެ ކަމަށެވެ.
ޝަރީފް ވިދާޅުވީ ސަލީމްގެ ހުށަހެޅުމަކީ، އާ ގާނޫނެއް ހެދުމަށް ޖާގަ ހޯދަން ހުށަހަޅާ އިސްލާހެއް ކަަމަށާއި އަތާފައި ބުރުކޮއްފައި މޮހޮނަށް އޮޑިދޭގޮތަށް ކަންތައް ކުރީމަ މަގުސަދު ހާސިލު ނުވާ ކަމަށެވެ. އަދި ރައްޔިތުންނަށް ހިދުމަތްދެވޭވަރުގެ އާރާއި ބާރު ކައުންސިލްތަކަށް ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތަށް ހިހާލު ފާޅުކުރުމުން، އެއީ ޖަންގަލީވެ ވިސްނުމޭ، މިނިކާވަގެކޭ ކިޔައިގެން ބައެއް ބޭފުޅުން އޭނާއާ ދިމާލަށް ގޮވިޔަސް ފަރުވާލެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.