ކުއްލި ޚަބަރު

މިހާރު އޮތް އިސްލާހު ދޫކޮށްލައި ކައުންސިލަރުން މަގާމުގައި ތިބެވޭނެ ގޮތަށް ގާނޫނެއް ހަދަން އިސްލާހު ހުށަހަޅައިފި

އިބްރާހިމް ޒަކީ

ކައުންސިލަރުންގެ ދައުރު އިތުރުކުރަން ގާނޫނު އަސާސީއަށް މިހާރު ހުށަހަޅާފައިވާ އިސްލާހު ދޫކޮށްލައި، އާ ކައުންސިލަރުން މަގާމާ ހަވާލުވަންދެން މިހާރު އިންތިހާބުވެފައި ތިއްބެވި ކައުންސިލަރުން މަގާމުގައި ދެމިތިބޭނެ އުސޫލުތަކެއް ހިމެނޭ ގާނޫނެއް ހަދން ޖެހޭގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅައިފިއެވެ.

މި އިސްލާހު ހުށަހެޅުއްވީ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ.

ސަލީމު ހުށަހެޅުއްވި އިސްލާހުގައި ވަނީ، އާ އިންތިހާބަކުން ހޮވޭ ކައުންސިލަރުން މަގާމާ ހަވާލުވަންދެން މިހާރު މަގާމުތަކުގައި ދެމިތިބި ކައުންސިލަރުން، އެމީހުންގެ މަގާމުތަކުގައި ދެމިތިބޭނެ ގޮތުގެ އުސޫލެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަނޑައަޅަންވާނެ ކަމަށް ގާނޫނު އަސާސީގައި ކަނޑައެޅުމަށެވެ.

ސަލީމް މި އިސްލާހު ހުށަހެޅުއްވީ، ކައުންސިލް އިންތިހާބު އަންނަ އަހަރާ ހަމައަށް ފަސްކޮށްފައިވަނިކޮށް، އަންނަ މަހުގެ ތިންވަނަ ދުވަހަށް މިހާރު ތިބި ކައުންސިލަރުންގެ މަގާމު ހަމަވާއިރު، ކައުންސިލަރުން ނުތިބި އަންނަ ގާނޫނީ ހުސްކަން ފޫބެއްދުމަށް، އެ ކައުންސިލަރުންގެ ދައުރު އިތުރު ކުރުމަށް ގާނޫނު އަސާސީއަށް ފަސްވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހާ މެދު މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުން އުފެދިގެން ސުޕްރީމް ކޯޓުގެ ލަފައަކަށް މަޖިލީހުން އެދުމުން މިއަދު ކޯޓުން ދިން ލަފާގައި، މިހާރު ހުށަހަޅާފައިވާ އިސްލާހު ގާނޫނު އަސާސީއަށް ގެނައި ނަަމަވެސް މިހާރު ތިބި ކައުންސިލަރުންގެ ދައުރު އިތުރުނުކުރެވޭނެ ކަމަށް ބުނެފައިވާތީއެވެ.

ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު މިދިޔަ ބުދަދުވަހުގެ ރޭ މަޖިލީހަށް ބަލައިގަނެ، މުޅި މަޖިލިހުގެ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.

ސަލީމްގެ ހުށަހަހެޅުން ހުށަހެޅުއްވީ އެ ބިލާ ބެހޭގޮތުން މިރޭ ކުރިއަށްދާ މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައެވެ. ސަލީމުގެ ހުށަހެޅުމުގައި އެބިލު ދޫކޮށްލުމަށް ވެސް ހުށަހަޅާފައިވެއެވެ.

ސުޕްރީމް ކޯޓުގެ ލަފާގައި ބުނެފައިވަނީ "ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް އިސްލާހު ގެނެސް، ނުވަތަ ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް ބަދަލު ގެނައުމުގެ ބަދަލުގައި އެ މަގުސަދު ހާސިލު ކުރުމަށްޓަކައި ގާނޫނު އަސާސީގެ 13 ވަނަ ބާބުގެ ފަހަތުގައި ވަކިން އިންތިގާލީ މާއްދާއެއް ހިމަނައި، އެގޮތުން ގެނެވޭ އިސާހު ގާނޫނު އަސާސީގެ ބައެއްގެ ގޮތުގައި ހިމެނޭ ތާރީހުން ފެށިގެން އެންމެ އަވަހަށް ބޭއްވޭ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވެންދެން 3 ޖޫން 2017 ގައި މަގާމާ ހަވާލުވި ކައުންސިލަރުން އެ މަގާމުތަކުގައި ތިބޭނެ ކަމަށް ސަރީހަބަހުން ބަޔާންކޮށްގެން މެނުވީ މިހާރު އޮތް އިސްލާހުން ކައުންސިލަރުންގެ މުއްދަތު އިތުރު ނުކުރެވޭނެ ކަމަށެވެ.