އިތުރު 34 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1547 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 12 ދިވެއްސަކާއި ބަންގުލަދޭޝްގެ 21 މީހަކާއި އިންޑިއާގެ މީހެއް ކަމަށެވެ.
ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އަދިވެސް އެންމެ ގިނައީ ބިދޭސީ މަސައްކަތްތެރީންނެވެ. އޭގެ ތެރެއިން ވެސް އެންމެ ގިނަ މީހުން ނިސްބަތްވަނީ ބަންގުލަދޭޝްއަށެވެ. ބަންގުލަދޭޝްގެ 806 މީހަކު ޕޮޒިޓިވްވެފައިވާ އިރު، ދިވެހިންގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 541 ދިވެއްސެކެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ 150 މީހަކާއި ނޭޕާލުގެ 23 މީހަކާއި އިޓަލީގެ 11 މީހަކާއި ސްރީލަންކާގެ ނުވަ މީހަކާއި ޕާކިސްތާނުގެ ތިން މީހެކެވެ. ދެން ހިމެނެނީ އެހެން ގައުމުތަކަށް ނިސްބަތްވާ ހަތަރު މީހެކެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާތަނަށް 242 މީހަކު ބަލިން ރަނގަޅުވެފައިވާ އިރު، ފަސް މީހަކު ވަނީ ބަލީގައި މަރުވެފައެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން ދުވަސްވީ ތިން ދިވެއްސަކާއި ބަންގުލަދޭޝްގެ ދެ މީހެކެވެ.