ދުނިޔެ

ލަންކާގެ ހުރިހާ ސަރަހައްދެއްގައި އަނެއްކާވެސް ކާފިއު ހިންގަނީ

މުހައްމަދު އައުޒަމް

ލަންކާގެ ހުރިހާ ސަރަހައްދެއްގައި އަނެއްކާވެސް ކާފިއު ހިންގަން ނިންމައިފިއެވެ.

ސްރީލަންކާގެ ސަރުކާރުން ވަނީ އަންނަ ހަފްތާގެ ތިން ދުވަސް ފުލްކޮށް މުޅި ގައުމުގައި ކާފިއު ހިންގަން ނިންމާފައިވާކަން އިއުލާން ކޮށްފައެވެ. އަދި އަންނަ މަހުގެ އެކަކުން ތިނަކަށް ވަކި ގަޑިތަކެއްގައި ކާފިއު ހިންގާނެ އެވެ. އަދި އަންނަ މަހުގެ ހަޔަކުން ފެށިގެން އަނެއްކާވެސް ކާފިއު އުސޫލަށް ބޮޑު ބަދަލެއް ގެންނާނެ އެވެ.

ސަރުކާރުން ނެރެފައިވާ ބަޔާނެެއްގައި ބުނީ ލަންކާގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކަށް ލުއިދިނުމަށްޓަކައި ކާފިއު އުވާލުމާއެކު އެގައުމުގައި އަނެއްކާވެސް ކޮވިޑްގެ ކޭސްތައް ވަނީ އާދަޔާ ހިލާފަށް ގިނަވެފައި ކަމަށެވެ.

އެ ބަޔާނުގައި ވާގޮތުން މުޅި ލަންކާގައި ކާފިއު އިއުލާނުކުރާނީ މިމަހުގެ 31 ވަނަ ދުވަހާއި އަންނަ މަހުގެ ހަތަރުވަނަ ދުވަހާއި ފަސް ވަނަ ދުވަހު އެވެ. އެ މުއްދަތުގައި ހުއްދަނެތި ގެއިން ނިކުތުމަކީ މަނާ ކަމެއްކަމުގައި އެބަޔާނުގައި ވެއެވެ.

ސަރުކާރުގެ ބަޔާނުގައި ވާގޮތުން އަންނަ މަހުގެ އެކަކުން ތިނަކާ ދެމެދުވެސް ލަންކާގެ ހުރިހާ ހިސާބެއްގައި އާންމުން ބޭރަށް ނިކުމެ އުޅުން މަނާކޮށް ރޭގަނޑު 10 އިން ފަތިހު ހަތަރަކާ ދެމެދު ކާފިއު ހިންގަން ވަނީ ނިންމައިފައެވެ. އަދި އަންނަ މަހު ހަޔަކުން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށް މިގޮތަށް އަމަލު ކުރާނެ ކަމަށްވެސް ބަޔާނުގައި ވެއެވެ.

ލާންކާގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާއިރު އެގައުމުގައި އިއްޔެ އެކަނިވެސް ވަނީ 34 މީހުން މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. ލަންކާގެ އޮފިޝަލުން ވަނީ މިހާރު ކޮވިޑް ކޭސްތައް އިތުރުވަމުން ދަނީ އެގައުމަށް ބޭރުން އެތެރެވާ މީހުންގެ ފަރާތުން ކަމަށް ބުނެފައެވެ.

ލަންކާގައި މިހާތަނަށް ކޮވިޑް ޖެހި 10 މީހުން ވަނީ މަރުވެފައެވެ.