މުހައްމަދު އައުޒަމް
ކްރިސްޓޮފާ ނޯލަންގެ އާ ފިލްމު "ޓެނެޓް"ގެ މަންޒަރެއް ކުޅުމަށް އަސްލު ފްލައިޓެއް ގޮއްވާލައިފިއެވެ.
މަޝްހޫރު ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަންގެ އާފިލްމު "ޓެނެޓް"ގެ މަސައްކަތް ކުރިޔަށް ގޮސްފައިވާ ގޮތާބެހޭގޮތުން ނޯލަން ދިން އިންޓަވިއުއެއްގައި އޭނާވަނީ އަސްލު ފްލައިޓެއް ގޮއްވާލި ސަބަބުވެސް ކިޔައިދީފައެވެ.
ނޯލަން ބުނީ "ޓެނެޓް"ގެ މަންޒަރެއް ކުޅުމަށް އަސްލު ފްލައިޓެއް ބޭނުން ކުރުމަށް ނިންމީ ފުރަތަމަ ޕްލޭން ކުރި މިނިނޭޗާ ބޭނުންކޮށްގެން ސެޓު ހަދައި އިފެކްޓް ތަކެއްލައި ފިލްމުގެ މުހިއްމު ސީކުއެންސް ޝޫޓްކުރުމުގެ ތެރޭގައި އޭނާ އާއި އޭނާގެ ޓީމަށް އައި ހިޔާލަކުން ކަމަށެވެ.
ނޯލަން ބުނީ ބޭނުން ނުކުރާ ފްލައިޓެއް ހޯދުމުގެ މަސައްކަތް ކުރުމަށް ޕްރޮޑަކްޝަން ޓީމުގެ އެހީރެތިކަމާއެކު އެކަމުގެ މަޝްވަރާ ފެށުނު ކަމަށެވެ. އަދި އަސްލު ފްލައިޓެއް ބޭނުން ކުރުމުން އެމަންޒަރު މާބޮޑަށް ފުރިހަމަވެގެން ދާނެ ކަމަށް ގަބޫލުކުރެވުނެވެ.
ނޯލަން ވަނީ ބޯއިންގ 747 ގެ އަސްލު ފްލައިޓެއް ގަނެ "ޓެނެޓް"ގެ ސީކުއެންސް ގައި ބޭނުން ކޮށްފައެވެ. އަދި "ޓެނެޓް"ގެ މިސީކުއެންސްގައި ފްލައިޓު ހެނގަރަކަށް ވައްދައި ގޮއްވައިލައެވެ.
ޑައިރެކްޓަރ ކްރިސްޓޮފާ ނޯލަން ވަނީ މީގެ ކުރިން އެހެން ފިލްމު ތަކުގައިވެސް އަސްލު ފްލައިޓް ބޭނުންކޮށްފައެވެ. އޭގެތެރޭގައި ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ލިބިގެންދިޔަ "ދަ ޑާކް ނައިޓް ރައިސް" އާއި "ރިއަލް ފައިޓާޖެޓްސް"ގެ އިތުރުން "ޝިޕްސް އިން ޑަންކިކް" ގައިވެސް އަސްލު ފްލައިޓު ބޭނުންކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
ސްޕައި ތުރިލާ ފިލްމް "ޓެނެޓް" އަކީ މިއަހަރު ބެލުންތެރިންގެ މެދުގައި އެންމެ މަގުބޫލުވެގެންދާނެ އެއް ފިލްމް ކަމަށް ވަނީ ބެލެވިފައެވެ. މިފިލްމް ރިލީސް ކުރުމަށް ހަމަޖެހިފައިވަނީ ތިއޭޓަރުތައް އަލުން ހުޅުވުނީމައެވެ. "ޓެނެޓް" ސިނަމާ ތަކުގައި އެޅުވުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 17 ވަނަ ދުވަހުއެވެ.