ކުއްލި ޚަބަރު

ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވިޔަފާރިކުރުމަށް މާލެ އާދެވޭނެ: ފުލުހުން

ވިޔަފާރިކުރުމަށް ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މާލެ އާދެވޭނެ ކަމަށް ފުލުހުން ބުނެފިއެވެ.

މާލެ ސަރަހައްދުގައި އިއުލާން ކޮށްފައި އޮތް ލޮކްޑައުންއަށް މިއަދުން ފެށިގެން ލުއިތަކެއް ދޭން ސަރުކާރުން ވަނީ ނިންމައިފައެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން ހުއްދަތައް ދޭން ނިންމާފައިވަނީ ދެ ހަފްތާގެ މުއްދަތަށެވެ.

އެ ދެ ހަފްތާގައި ދޭން ނިންމާފައިވާ ލުއިތަކުގެ ތެރެއިން ފުލުހުންގެ ހުއްދައާއެކު ވިޔަފާރި ކުރުމަށް ކޮންމެ ގޭބިސީއަކުން ތިން މީހުންނަށް ހަފުތާއަކު ދެގަޑިއިރު ދެފަހަރު ބޭރަށް ނުކުމެވޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.

ފުލުހުންގެ ފަރާތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވީ، މިހާރު އަމަލުކުރަން ނިންމާފައިވާ އޮތް ގޮތުން ވިލިމާލޭގައި އުޅޭ ރައްޔިތުންނަށް ވިޔަފާރި ކުރުމަށް މާލެ އައުމަށް ހުއްދަ ދޫކުރެވޭނެ ކަމަށެވެ.

"މިހާރު އަމަލުކުރަން ނިންމާފައި ގޮތަކީ މާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ދެ ގަޑިއިރަށް ދެވޭ ހުއްދައަކީ އެހެން އަވަށްތަކަށް، މިދެންނެވީ ހުޅުމާލެ އާއި ވިލިމާލެއަށް ދިއުމުގެ ހުއްދަ ދެވޭ ހުއްދައެއް ނޫން. ހުޅުމާލެއަށް ދެވޭ ހުއްދައަކީ ހުޅުމާލޭގެ ސަރަހައްދުގައި އުޅުމަށް ދެވޭ ހުއްދައެއް. އެހެންނަމަވެސް ވިލިމާލެ ބޭފުޅުންނަށް އެބޭފުޅުން ބޭނުންވާ އެއްޗެއް ގަތުމަށް މާލެ އާދެވޭ ގޮތަށް ދެވޭ ހުއްދައެއް،" ފައިރޫޝް ވިދާޅުވިއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، ލޮކްޑައުންއަށް ލުއިތައް ދޭ ދެވަނަ މަރުހަލާގައި ކޮންމެ ގޭބިސީއަކުން ފަސް މީހުންނަށް ބޭރަށް ދިއުމުގެ ހުއްދަ ދެވޭނެ ކަމަށެވެ. ނަމަވެސް އޭގެ މާނައަކީ އެންމެން އެކުގައި ބޭރަށް ދާށެކޭ ނޫން ކަމަށާއި ބޭރަށް ދާ މީހުން ވީހާވެސް މަދުކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.