ބައެއް ބޭންކްތަކަށް ވަދެވޭނީ ސްކްރީން ކުރުމަށް ފަހު ކަމަށް ފުލުހުން ބުނެފިއެވެ.
މާލޭ ސިޓީ ކައުންސިލާއި ފުލުހުން ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވީ، ލޮކްޑައުންއަށް ލުއިދޭ ފުރަތަމަ މަރުހަލާގައި ބޭންކްތަކަށް ދިއުމަށް ހުއްދަ ދޫކުރާއިރު، ބަލާނެ މިންގަނޑުތަކެއް ހުންނަ ކަމަށެވެ. އެގޮތުން ބައެއް ބޭންކްތަކަށް ވަދެވޭނީ ސްކްރީން ކުރުމަށް ފަހުގައި ކަަމަށް ވިދާޅުވިއެވެ.
"ބައެއް ބޭންކްތަކަށް ވެއްދުމުގެ ކުރިން ބޮޑީ ޓެމްޕަރޭޗާ ފަދަ ކަންކަން ބަލާނެ،" ފައިރޫޝް ވިދާޅުވިއެވެ.
މީގެ އިތުރުން ފައިރޫޝް ވިދާޅުވީ، ބޭންކަށް ދާން ހުއްދަ ލިބޭނީ، ބޭންކުން އެމީހަކަށް އެޕޮއިންޓްމެންޓް ލިބޭ ވަގުތަށް ކަމަށެވެ.
މީގެ އިތުރުން ބޭންކްތަކުގެ އެތެރޭގައިވެސް މީހުން ތޮއްނުޖެހޭނެ ގޮތަށް އިންތިޒާމުތައް ބޭންކްތަކުން ހަމަޖައްސާނެ ކަމަށާއި ބޭންކުން ބޭރުގައިވެސް ކިޔު ދިގު ނުވާނެ ގޮތަށް ކިޔު ހެދުމުގެ އިންތިޒާމުތައް ފުލުހުން ހަމަޖައްސާނެ ކަމަށް ފައިރޫޝް ވިދާޅުވިއެވެ.
މިހާރެކޭވެސް އެއްގޮތަށް އޭޓީއެމްގެ ހިދުމަތް ހޯދޭނެ ކަމަށް ފައިރޫޝް ވިދާޅުވިއެވެ.