ލޮކްޑައުންއަށް ދިން ލުއިތަކުގެ ދަށުން ފަހާ ތަންތަން ހުޅުވަން ހުއްދަދިނުމަށް ނިންމައިފިއެވެ.
މާލޭގައި އެންމެ ފަހުން އިއުލާންކުރި ލޮކްޑައުންގެ މުއްދަތު މިއަދަށް ހަމަވެފައިވާއިރު އެ ލޮކްޑައުންއަށް ސަރުކާރުން ވަނީ ގިނަ ލުއިތަކެއް ދީފައެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ދެ ހަފްތާ ތެރޭގައި ގިނަ ވިޔަފާރިތަކެއް ހުޅުވަން ވަނީ ހުއްދަ ދީފައެވެ.
އޭގެ ތެރޭގައި ސުޕަމާކެޓްތައް، ބޭކަރީތައް، ކަންމަތީ ފިހާރަތައް، ފާމަސީތައް، ބުކްޝޮޕްތައް، ކުޑަކުދިންގެ ތަކެތި ވިއްކާ ފިހާރަތައް އަދި ހާޑްވެއާ ފިހާރަތައް ހިމެނެއެވެ. ނަމަވެސް ފަހާތަންތަން ހުޅުވޭނެ ކަމަށް ބުނެފައެއް ނުވެއެވެ.
ނަމަވެސް ފުލުހުންގެ ފަރާތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވީ، މާސްކު އެއްޗެހި ފެހުމަށާއި އަދި އެނޫންވެސް ތަކެތި ފެހުމަށް ހަވާލުކޮށްފައިވާތީ، އެކަންކަން ނިންމުމަށް ފަހާ ތަންތަން ހުޅުވައިގެން އެތަންތަނުގެ އެތެރޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ކަމަށެވެ.
"މިހާރު ވެސް ވަރަށް ގިނަ ތަކެތި ހުންނާނެ ރޯދަ، އީދު މިދުވަސްކޮޅާ ގުޅިގެން އެކި ބޭފުޅުން ބޭނުންވާ ތަކެތީގެ ފޮތިތަކާ އެއްޗެހި ހަވާލުކުރެވިފަ. އެކަންކަން ނިންމުމުގަ، އަދި ބޭނުންވާ މާސްކުތަކާ މަސައްކަތް ކުރުމުގައި އެތަންތަން ހުޅުވައިގެން އެތަންތަނުގެ އެތެރޭގައި ތިބެވޭ ގޮތަށް ހުއްދަ ދެވޭނީ،" ފައިރޫޝް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ފަހާ ތަންތަން ވެސް ހުޅުވުމަށް ހުއްދަ ހޯދަންޖެހޭނީ މާލެ ސިޓީ ކައުންސިލުން އެކަމަށް ހާއްސަ ކޮށްފައިވާ ވެބް ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. ސިޓީ ކައުންސިލުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ދެން ފޮނުވާނީ އިކޮނޮމިކް މިނިސްޓްރީއަށް ކަމަށް ވިދާޅުވިއެވެ.
އިކޮނޮމިކް މިނިސްޓްރީއަށް ފޮނުވަނީ ފައިރޫޝް ވިދާޅުވި ގޮތުގައި، ހުއްދައަށް އެދިފައިވާ ފަރާތުން ހިންގާ ތަނުގައި މަސައްކަތް ކުރަނީ ބިދޭސީން ކަމަށްވާނަމަ، އެމީހުންނަކީ ގަވާއިދާ އެއްގޮތަށް އުޅޭ މީހުންތޯ ނުވަތަ އެ މިނިސްޓްރީން ފަހުން ހުޅުވާލި ރަޖިސްޓްރްރޭޝަން ޕްރޮސެސްގެ ތެރެއިން ރަޖިސްޓްރީ ކޮށްފައި ތިބި ބައެއްތޯ ބެލުމަށެވެ.
އޭނާ ވިދާޅުވީ، ހުއްދަ ދޫކުރުމުގެ ކުރިން އެތަނުގައި މަސައްކަތް ކުރާ މީހަކީ ޕޮޒިޓިވް ކޭސްއަކާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަވެފައި ހުރި މީހެއްތޯ ނުވަތަ ޑައިރެކްޓް ކޮންޓެކްޓެއް ވެފައިހުރި މީހެއްތޯ ކަމަށާއި އަދި ސިއްހީ ގޮތުން ހުއްދަ ދޭންނުޖެހޭ އެއްވެސް ކަމެއް ހުރިތޯ ފުލުހުން ބަލާނެ ކަމަށެވެ.