ކޮންމެ ގެއަކުން ތިން މީހުންނަށް ނުކުތުމުގެ ހުއްދަ ދިނަސް އެކުއެކީގައި ނުނިކުމެވޭނެ ކަމަށް އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެއެވެ.
މާލެ ސަރަހައްދުގައި އިއުލާން ކޮށްފައި އޮތް ލޮކްޑައުންއަށް މިއަދުން ފެށިގެން ލުއިތަކެއް ދޭން ސަރުކާރުން ވަނީ ނިންމައިފައެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން ހުއްދަތައް ދޭން ނިންމާފައިވަނީ ދެ ހަފްތާގެ މުއްދަތަށެވެ.
އެ ދެ ހަފްތާގައި ދޭން ނިންމާފައިވާ ލުއިތަކުގެ ތެރެއިން ފުލުހުންގެ ހުއްދައާއެކު ވިޔަފާރި ކުރުމަށް ކޮންމެ ގޭބިސީއަކުން ތިން މީހުންނަށް ހަފުތާއަކު ދެގަޑިއިރު ދެފަހަރު ބޭރަށް ނުކުމެވޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.
ފުލުހުންގެ ފަރާތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައިރޫޝް ވިދާޅުވީ، ލޮކްޑައުންއާ ގުޅިގެން ގެނައި ލުއިތަކާއެކު ވެސް މިހާރު ހުއްދަ ދޫކޮށްފައިވާ މީހުންނަށް މަގުމަތީގައި އުޅެވޭނެ ކަމަށާއި ހުއްދަތައް ބަދަލު ކުރަން ބޭނުންވާނަމަ ޕޯޓަލް މެދުވެރިކޮށް އެކަން ކުރެވޭނެ ކަމަށެވެ.
އޭގެ އިތުރުން ގޭބިސީއެއްގައި އުޅޭ މީހުން ނުކުންނަކަން ކަށަވަރު ކުރުމުގެ ގޮތުން ޕާމިޓް ޕޯޓަލްއަށް ބަދަލެއް ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިހާރު ކުރިއާހިލާފަށް ކޮންމެ ގެއެއްގެ އެޑްރެސްގެ އިތުރުން ފޯރުކޮށްދެއްވަން އެބަވޭ އެގެއެއްގެ ކަރަންޓު މީޓަރުގެ ނަންބަރު. އިތުރަށް ހިމަނަންޖެހޭނެ އެއްޗަކަށް މި އިންނަނީ މި. އެހެންވީމަ ކޮންމެ ގެއަކުން ވެސް ގިނަވެގެން ތިން މީހަކަށް ހުއްދަ އިޝޫ ކުރެވޭނީ،" ފައިރޫޝް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ބޭރަށް ދިއުމަށް ވަކި ގަޑިތަކެއް ބައެއް ބޭފުޅުން ބޭނުންވާ ކަމަށާއި ނަމަވެސް އެކަން އެގޮތަށް ކުރުމުން އެއީ އިންސާފު އޮތް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އެހެންކަމުން މިފަހަރު ވެސް ބޭރަށް ނުކުތުމަށް ވަގުތު ކަނޑައަޅާނީ ވެސް އޮޓަމެޓިކް ސިސްޓަމެއްގެ ތެރެއިން ކަމަށް ފައިރޫޝް ވިދާޅުވިއެވެ.
"އިތުރު ސްޓެޕެއްގެ ގޮތުގައި ލާފަ އިންނާނީ އެއް ގެއަކަށް އެކި ދުވަސް މަތިން ހުއްދަ ދެވޭއިރު އެއް ގަޑި ތަކުރާރުނުވާނެ ގޮތަކަށް. މިސާލަކަށް ހެނދުނު 9:00 އިން 11:00 އަށް ގެއަކަށް ދެވިފައިހުރި ހުއްދައެއްނަމަ އެގެއިން ދެވަނަ ބޭފުޅަކު ރިކުއެސްޓް ކުރެއްވީމަ އެބޭފުޅަކަށް ލިބިގެންދާނީ 9:00 އިން 11:00 އަކަށް ނޫނޭ. އެހެން ގަޑިތަކެކޭ އެލޮކޭޓް ކުރެވިގެންދާނީ،" ފައިރޫޝް ވިދާޅުވިއެވެ.