ހުއްދަ ދޫކުރެވޭ ވިޔަފާރިތަކުގެ ތެރެއިން އުސޫލުތަކާ ހިލާފުވާ ވިޔަފާރިތަކުގެ ލައިސެންސް ބާތިލް ކުރެވޭނެ ކަމަށް އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެއެވެ.
މާލޭގައި އެންމެ ފަހުން އިއުލާންކުރި ލޮކްޑައުންގެ މުއްދަތު މިއަދަށް ހަމަވެފައިވާއިރު އެ ލޮކްޑައުންއަށް ސަރުކާރުން ވަނީ ގިނަ ލުއިތަކެއް ދީފައެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ދެ ހަފްތާ ތެރޭގައި ގިނަ ވިޔަފާރިތަކެއް ހުޅުވަން ވަނީ ހުއްދަ ދީފައެވެ.
އޭގެ ތެރޭގައި ސުޕަމާކެޓްތައް، ބޭކަރީތައް، ކަންމަތީ ފިހާރަތައް، ފާމަސީތައް، ބުކްޝޮޕްތައް، ކުޑަކުދިންގެ ތަކެތި ވިއްކާ ފިހާރަތައް އަދި ހާޑްވެއާ ފިހާރަތައް ހިމެނެއެވެ. އޭގެ އިތުރުން މޮބައިލް ފޯނު ފިހާރަތައް، އިލެކްޓޯނިކް ފިހާރަތައް، ފޮތި ފިހާރަތައް، ކުޅިވަރު ސާމާނު ވިއްކާ ފިހާރަތައް، ކޮސްމެޓިކްސް ވިއްކާ ފިހާރަތައް އަދި ރާއްޖޭގައި އުފައްދާ ތަކެތި ވިއްކާ ފަރާތްތަކަށް އޮންލައިންކޮށް ޑެލިވާކުރުމަށް ފުރުސަތު ހުޅުވާލަން ސަރުކާރުން ވަނީ ނިންމައިފައެވެ.
އިސްކަންދަރު ކޮށީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވީ، ލުއިތަކެއް ދިން ނަމަވެސް ކަނޑައަޅާފައިވާ އުސޫލުތަކަށް އިހްތިރާމް ކުރާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް އެކަމަށް އިހްތިރާމް ނުކުރާނަމަ ވިޔަފާރިތަކަށް ދޫކުރާ ހުއްދަތައް ކެންސަލް ކުރެވޭނެ ކަމަށާއި އެކަން މީގެ ކުރިން ވެސް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި، ވިޔަފާރިތައް ހުޅުވޭނީ އިކޮނޮމިކް މިނިސްޓްރީގެ ހުއްދައާއެކުއެވެ. އަދި ފިހާރަތަކަށް ކަސްޓަމަރުންނަށް ވަދެވޭނީ މާސްކު އަޅައިގެން އަދި ފިހާރަ ތެރޭގައި ގައިދުރުކަން ބެހެއްޓޭނެ ވަރަށް ބަލައިގެންނެވެ.
ފައިރޫޝް ވިދާޅުވީ، ކުރިއަސް އޮތް ދުވަސްތަކުގައި ހުއްދަ ދޫކޮށްފައިވާ ފިހާރަތަކަށް، ހާއްސަ ގޮތެއްގައި ކުދި ވިޔަފާރިތައް ހިންގާ ތަންތަނަށް ފުލުހުންގެ ގޮސް އެތަނުގެ ޖާގަ ހުރި ގޮތް ބަލައި، ފިހާރައިގެ ބޭރުގައި އެ ފިހާރައަކަށް އެންމެ ގިނަވެގެން ވަދެވޭނެ އަދަދު ބަޔާންކޮށް ސްޓިކާއެއް ހިއްޕާނެ ކަމަށެވެ.