އަލީ ޔާމިން
ބޭންކަށް ދާން ހުއްދަ ލިބޭނީ ބޭންކުން އެޕޮއިންޓްމެންޓް ހައްދާ މީހުންނަށް ކަމަށް އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެއެވެ.
ފުލުހުންނާއި މާލޭ ސިޓީ ކައުންސިލް ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައިރޫޝް ވިދާޅުވީ، ފުރަތަމަ މަރުހަލާގައި ބޭންކްތަކަށް ދިއުމަށް ހުއްދަ ދޫކުރާއިރު، ބަލާނެ މިންގަނޑުތަކެއް ހުންނަ ކަމަށެވެ.
އެގޮތުން ބޭންކަށް ދާން ހުއްދަ ލިބޭނީ، ބޭންކުން އެމީހަކަށް އެޕޮއިންޓްމެންޓް ލިބޭ ވަގުތަށް ކަމަށްވެސް ފައިރޫޝް ވިދާޅުވިއެވެ.
"އެކި ބޭންކްތަކާއެކު މަޝްވަރާކޮށް ނިންމިފައި މިއޮތީ ބޭންކަށް ހިދުމަތް ހޯދުމަށް ވަޑައިގަންނަ ބޭފުޅުންނަށް ވަޑައިގެންނެވޭނީ ބޭންކާއެކުގައި އެޕޮއިންޓެއް ހެދިގެންނޭ. އޭގެ މާނައަކީ ހަމަ ބޭނުންވީމަ ބޭންކަށް ދާ އުސޫލެއް ނޫން މިއޮތީ ހަމަޖެހިފައި." ފައިރޫޝް ވިދާޅުވިއެވެ.
ފައިރޫޝް ވިދާޅުވީ، ބޭންކްތަކުގެ އެތެރޭގައިވެސް މީހުން ތޮއްނުޖެހޭނެ ގޮތަށް އިންތިޒާމުތައް ބޭންކްތަކުން ހަމަޖައްސާނެ ކަމަށާއި ބޭންކުން ބޭރުގައިވެސް ކިޔު ދިގު ނުވާނެ ގޮތަށް ކިޔު ހެދުމުގެ އިންތިޒާމުތައް ފުލުހުން ހަމަޖައްސާނެ ކަމަށެވެ.
މީގެ އިތުރުން ފައިރޫޝް ވިދާޅުވީ، ބައެއް ބޭންކުތަކަށް ވަދެވޭނީ ސްކްރީން ކުރުމަށްފަހުގައި ކަމަށާއި އެގޮތުން ބޮޑީ ޓެމްޕަރޭޗާ ފަދަ ކަންކަން ބަލާނެ ކަމަށެވެ.
މިހާރެކޭވެސް އެއްގޮތަށް އޭޓީއެމްގެ ހިދުމަތް ހޯދޭނެ ކަމަށް ފައިރޫޝް ވިދާޅުވިއެވެ.