އުމުރުން ދުވަސްވީ މީހުންނާ އެކީގައި އެހީތެރިންނަށްވެސް ނުކުމެވޭނެ ކަމަށް އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެއެވެ.
މާލޭގައި އެންމެ ފަހުން އިއުލާންކުރި ލޮކްޑައުންގެ މުއްދަތު މިއަދަށް ހަމަވެފައިވާއިރު އެ ލޮކްޑައުންއަށް ސަރުކާރުން ވަނީ ގިނަ ލުއިތަކެއް ދީފައެވެ.
އެގޮތުން ފުރަތަމަ ފިޔަވަހީގެ ދެ ހަފްތާ ތެރޭގައި ފުލުހުންގެ ހުއްދައާއެކު ގޭބިސީއަކުން ތިން މީހުންނަށް، ހަފްތާއަކު ދެ ފަހަރު ދެ ގަޑިއިރަށް ބޭރަށް ނުކުމެވޭނެއެވެ. އެ ހުއްދަ ކުރިން ދެނީ ހަފްތާއަކު އެއް ފަހަރު ގޭބިސީއަކުން އެކަކު ނުކުތުމަށެވެ.
އޭގެ އިތުރުން ފަތިހު 5:00 އިން 8:00 އާ ދެމެދު އުމުރުން 60 އަހަރުން ފެށިގެން މަތީ މީހުންނަށް ފުލުހުންގެ ހުއްދައާއެކު ބޭރަށް ނުކުމެވޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.
އިސްކަންދަރު ކޮށީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައިރޫޝް ވިދާޅުވީ، ގެއިން ބޭރަށް ދިއުމަށް ބޭނުންވާ އުމުރުން ދުވަސްވީ މީހަކީ އިތުރު މީހެއްގެ އެހީތެރިކަން ބޭނުންވާ މީހެއްނަމަ އެ ހުއްދަ ދެވިގެންދާނެ ކަމަށެވެ.
ސަރުކާރުން ދޭން ނިންމާފައިވާ ލުއިތަކުގެ ތެރެއިން ފުރަތަމަ ދެ ހަފްތާއަށްފަހު އުމުރުން 15 އަހަރުން ދަށުގެ ކުޑަކުދިންނަށް ވެސް ފަތިހު 5:00 އިން 8:00 އަށް ނުކުމެވޭނެއެވެ. ނަމަވެސް އާއިލާ އާއި ރައްޓެހިން އެއްވުމާއި، ގޭގެއަށް ޒިޔާޜަތް ކުރުމަށް ހުއްދައެއް ނުދޭނެއެވެ.
ނަމަވެސް އެ ހުރިހާ ކަމަކަށް ހުއްދަ ނަގަން ޖެހެނީ އެއްފަހަރާ މަގުމަތީގައި އުޅޭ މީހުންގެ އަދަދު ވަކި މިންގަނޑެއްގައި ހިފެހެއްޓުމަށް ކަމަށް ސަރުކާރުން ބުނެއެވެ.