އަލީ ޔާމިން
އެއް ދަތުރަށް ފަހު އަނެއް ދަތުރަށް ފެށުމުގެ ކުރިން ޓެސްކީ ޑިސްއިންފެކްޓް ކުރަން ޖެހޭނެ ކަމަށް އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެއްޖެއެވެ.
ފުލުހުންނާއި މާލޭ ސިޓީ ކައުންސިލް ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަވީން ވިދާޅުވީ، ލޮކްޑައުނަށް ލުއިދިނުމުގެ ފުރަތަމަ މަރުހަލާގައިވެސް ޓެކްސީތަކަށް ދަތުރުކުރުމުގެ ހުއްދަ ދޭއިރު، ރައްކާތެރިކަމުގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެކުލަވާލައިފައިވާ ގައިޑުލައިނަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ.
އެގޮތުން ކޮންމެ ދަތުރަކަށް ފަހު ޓެކްސީ ރަނގަޅަށް ޑިސްއިންފެކްޓް ކުރަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.
"އެއް ދަތުރުން އަނެއް ދަތުރަށް ފެށުމުގެ ކުރިން އެޗްޕީއޭގެ ގައިޑްލައިނުގައިވާ ގޮތުގެ މަތިން ޓެކްސީ ޑިސްއިންފެކްޓް ކުރުމުގެ ކަންކަން ކުރަން ޖެހޭނެ،" ނަވީން ވިދާޅުވިއެވެ.
ނަވީން ވިދާޅުވީ މިހާރުވެސް ކޮންމެ ޓެކްސީ ސެންޓަރަކަށް ހަ ހުއްދައެއް ދޫކުރެވިފައިވާނެ ކަމަށާއި ލޮކްޑައުންއަށް ލުއިދިނުމުގެ ފުރަތަމަ މަރުހަލާގައިވެސް އެ ހުއްދަތައް ބާތިލު ނުވާނެ ކަމަށެވެ.
މީގެ އިތުރުން ޓެކްސީގެ ޑްރައިވަރާއި ޓެކްސީއަށް އަރާ އެހެން މީހުންނާ ދެމެދު ޕްލާސްޓިކް ޓްރާންސްޕޭރެންޓް ޕާޓިޝަނެއް ޖަހަން ޖެހޭނެ ކަމަށާއި އެއްފަހަރެއްގައި ދެމީހުންނަށް ވުރެ ގިނައިން ޓެކްސީއަށް މީހުން ނޭރުވޭނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެކަންކަން ޓެކްސީ ސެންޓަރުތަކުން މޮނީޓާކުރަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.