ކުއްލި ޚަބަރު

އުމުރުން ދުވަސްވީ މީހުން ބޭރަށް ދިއުމުގެ ހުއްދަވެސް ދޫކުރާނީ ފުލުހުން: ފައިރޫޝް

އަލީ ޔާމިން

އުމުރުން ދުވަސްވީ މީހުން ބޭރަށް ދިއުމުގެ ހުއްދަވެސް ދޫކުރާނީ ފުލުހުން ކަމަށް އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެއެވެ.

ފުލުހުންނާއި މާލޭ ސިޓީ ކައުންސިލް ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައިރޫޝް ވިދާޅުވީ، ފުރަތަމަ މަރުހަލާގައި އުމުރުން ދުވަސްވީ މީހުންނަށްވެސް ފަތިހު 5:00 އިން ހެނދުނު 8:00 އަށް ބޭރަށް ނުކުމެ އުޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި އެ ހުއްދަ ދޫކުރާނީ ފުލުހުން ކަމަށެވެ.

"އުމުރުން ދުވަސްވީ މީހުންނަށް ދޫކުރާ ހުއްދަތައް ދޫކުރާނީ ފުލުހުން. އެއީ ތިން ގަޑިއިރަށް މި ދޫކުރާ ހުއްދަ ފަތިހު 5:00 އިން ހެނދުނު 8:00 އަށް،" ފައިރޫޝް ވިދާޅުވިއެވެ.

ފައިރޫޝް ވިދާޅުވީ، އެގޮތަށް ނުކުންނަ އުމުރުން ދުވަސްވީ މީހުންނާއެކު އެހީތެރިޔަކު ބޭނުންވާ މީހަކުނަމަ އެހީތެރިޔާއަށްވެސް އެފުރުސަތު ލިބޭނެ ކަމަށެވެ.

މީގެ އިތުރުން ފައިރޫޝް ވިދާޅުވީ، އުމުރުން ދުވަސްވީ މީހުން ނުކުތުމަށް އެގަޑި ހަމަޖެއްސީ އެ ގަޑިއަކީ މަގުމަތީގެ ހަރަކާތް މަދު ގަޑިއަކަށްވުމުން ކަމަށެވެ.

އުމުރުން ދުވަސްވީ މީހުންނަކީ ކޮވިޑު ޖެހުމުގެ ހައި ރިސްކު ކެޓަގަރީގައި ހިމެނޭ ބައެކެވެ. އެގޮތުން ދެން އެ ކެޓަގަރީގައި ހިމެނެނީ އުމުރުން ފަސް އަހަރުން ދަށުގެ ކުޑަކުދިންނާއި، މާބަނޑު މީހުންނާއި، ބޮޑެތި ބަލިތަކަށް ފަރުވާކުރާ އަދި ދާއިމީ ބޭސް ކާ މީހުންނެވެ.