ކުއްލި ޚަބަރު

ޓެކްސީ ސެންޓަރުތަކަށް މިހާރު ދޫކޮށްލާފައިވާ ހުއްދަތައް ބާތިލު ނުވާނެ: ނަވީން

އަލީ ޔާމިން

ޓެކްސީ ސެންޓަރުތަކަށް މިހާރު ދޫކޮށްލާފައިވާ ހުއްދަތައް ބާތިލު ނުވާނެ ކަމަށް އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެއްޖެއެވެ.

ފުލުހުންނާއި މާލޭ ސިޓީ ކައުންސިލް ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަވީން ވިދާޅުވީ، މިހާރުވެސް ކޮންމެ ޓެކްސީ ސެންޓަރަކަށް ޓެކްސީ ކުރުމަށް ހަ ހުއްދައެއް ދޫކުރެވިފައިވާނެ ކަމަށާއި ލޮކްޑައުނަށް ލުއިދިނުމުގެ ފުރަތަމަ މަރުހަލާގައިވެސް އެ ހުއްދަތައް ބާތިލު ނުވާނެ ކަމަށެވެ.

"ކޮންމެ ޓެކްސީ ސެންޓަރަކަށް ދޫކުރެވިފައިވާ ހަ ޕާމިޓް ހަމަ މިހާރުވެސް ކޮންޓިނިއު ކުރެވޭނެ. އެއްވެސް ޕާމިޓެއް ކެންސަލް ވެގެނެއް ނުދާނެ،" ނަވީން ވިދާޅުވިއެވެ.

ނަވީން ވިދާޅުވީ، އެގޮތަށް ޓެކްސީތަކަށް ޕާމިޓް ދޫކުރި ނަމަވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިނާ އެއްގޮތަށް ޓެކްސީތަކުން އަމަލު ކުރަން ޖެހޭނެ ކަމަށެވެ. އެގޮތުން ޑްރައިވަރާއި ޓެކްސީއަށް އަރާ އެހެން މީހުންނާ ދެމެދު ޕްލާސްޓިކް ޓްރާންސްޕޭރެންޓް ޕާޓިޝަނެއް ޖަހަން ޖެހޭނެ ކަމަށާއި އެއްފަހަރާ ދެމީހުންނަށް ވުރެ ގިނަ މީހުން ޓެކްސީއަށް ނޭރުވޭނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ކޮންމެ ދަތުރަކަށް ފަހު ޓެކްސީ ޑިސްއިންފެކްޓް ކުރަން ޖެހޭނެ ކަމަށް ވެސް ނަވީން ވިދާޅުވިއެވެ.