މަގުމަތީގައި އުޅޭއިރު މާސްކް އަޅައިގެން އުޅެން ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުންނާއި މާލެ ސިޓީ ކައުންސިލުގެ ފަރާތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ މަގުމަތީގައި އުޅޭ ހުރިހާ އެންމެން ވެސް އެއް ތަނުން އަނެއް ތަނަށް ދިއުމަށް ހުއްދައެއް އޮންނަން ޖެހޭނެ ކަމަށެވެ.
"މަގުމަތީގައި އުޅޭ އިރު މާސްކު އަޅައިގެން އުޅުން އަދި ކޮންފައިންޑް ސްޕޭސަސްގައި، ފިހާރަތަކުގައާއި ބަންދުކުރެވިފައި މީހުންނަށް ހިދުމަތް ދޭ ތަންތަނުގައި ވެސް މާސްކު އަޅައިގެން އަދި ސޯޝަލް ޑިސްޓަންސިންގެ މެޝާޒް ބެހެއްޓުމަކީ ކުރަން ޖެހޭނެ ކަމެއް،" އޭނާ ވިދާޅުވިއެވެ.
ނަވީން ވިދާޅުވީ ބޭރަށް ނުކުތުމަށް ހުއްދަ ހޯދަން ޖެހޭނީ ކުރިއެކޭ ވެސް އެއްގޮތަށް ޕޮލިސް ޕޯޓަލް މެދުވެރިކޮށް ކަމަށާއި އަދި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމަށް ވެސް ހުއްދަ ހޯދަން ޖެހޭނީ ޕޮލިސް ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.
"އެއީ އެއް ރަށުން އަނެއް ރަށަށް ކަމުގައިވިޔަސް، އަދި މާލެ ތެރޭގައި ކަމުގައިވިޔަސް އަދި މެޑިކަލް ކަންތައްތަކުގައި އެއް ރަށުން އަނެއް ރަށަށް ދާން ޖެހުނު ކަމުގައިވިޔަސް އަޅުގަނޑުމެން ޕާމިޓްސް ދޫކުރުމުގެ މަސައްކަތް ކުރަމުންދާނަން. އަދި ޝޮޕިން ޕާމިޓް އެއް ޕާމިޓުން ތިން ޕާމިޓަށް ވެގެންދާއިރު ވެސް ޕާމިޓްސްގެ ކަންތައްތަކުގައި އަޅުގަނޑުމެން ދޫކުރަމުންދާނަން." އޭނާ ވިދާޅުވިއެވެ.
މިރޭ 12:00 އިން ފެށިގެން މާލެ ސަރަހައްދު ލޮކްޑައުންއަށް ލުއިތަކެއް ދޭން ވަނީ ނިންމައިފައެވެ. އެގޮތުން ކުރިން ކޮންމެ ގެޔަކުން އެކަކަށް ބޭރަށް ނުކުމެވޭގޮތަށް އޮތް ނަމަވެސް، މިހާރު ކޮންމެ ގެޔަކުން ވެސް ތިން މީހަކަށް ބޭރަށް ނުކުމެވޭނެއެވެ. އަދި އިތުރު ވިޔަފާރިތައް ހިންގުމަށް ވެސް ހުއްދަ ދިނުމަށް ވަނީ ނިންމައިފައެވެ.