ކުއްލި ޚަބަރު

ބޭރަށް ނުކުންނަން ހުއްދަ ދޭނީ ފުލުހުން، ވިޔަފާރި ހުއްދަތައް ދޫކުރާނީ ސިޓީ ކައުންސިލުން: ޝަމާއު

ބޭރަށް ނުކުންނަން ހުއްދަ ދޭނީ ފުލުހުން ކަމަށާއި ވިޔަފާރި ހުއްދަތައް ދޫކުރާނީ ސިޓީ ކައުންސިލުން ކަމަށް މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު ވިދާޅުވެއްޖެއެވެ.

ފުލުހުންނާއި މާލެ ސިޓީ ކައުންސިލުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމާއު ވިދާޅުވީ ބޭރަށް ނުކުތުމަށް ހުއްދަ ހޯދުމުގެ އުސޫލަށް ބަދަލެއް އައިސްފައި ނުވާ ކަމަށާއި އެގޮތުން ހުއްދަ ހޯދަން އެދެން ޖެހޭނީ ޕޮލިސް ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

"އިންޑިވިޖުއަލް އެކިއެކި ހުއްދަތައް މިހާރުވެސް ކުރިއަށްދާނީ ކުރީގައި ވެސް ކުރިއަށްދިޔަ ގޮތަށް. އެއީ ޕޮލިސްގެ ޕޯޓަލް މެދުވެރިކޮށް. ބޭރަށް ނުކުތުމަށް ވެސް ތި ނަގާ ހުރިހާ ހުއްދަތަކެއް ކުރީގައި ވެސް ކުރަމުން އައި ގޮތަށް. އެއްވެސް ބަދަލެއް ނާދޭ. މީގެ ކުރިން ވެސް ބޭރަށް ނުކުންނަން ތި ނަގާ ހުރިހާ ހުއްދަތަކެއް ނަގަން ޖެހޭނީ ޕޮލިސްގެ ޕޯޓަލް މެދުވެރިކޮށް،" އޭނާ ވިދާޅުވިއެވެ.

ޝަމާއު ވިދާޅުވީ ވިޔަފާރީގެ ހުއްދަތަކަށް ދެން ހުށަހަޅަން ޖެހޭނީ ސިޓީ ކައުންސިލުގެ ވެބްސައުޓުގެ ޕޯޓަލަށް ކަމަށާއި ވެރިފައި ކުރުމަށްފަހު ހުއްދަ ދޫކުރަމުންދާނީ ފުލުހުން ކަމަށެވެ. އަދި އެކައެކި އޮފީސްތައް ހުޅުވުމަށްޓަކައި ހުއްދަ ހޯދަން ޖެހޭނީ އިކޮނޮމިކް މިނިސްޓްރީން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިރޭ 12:00 އިން ފެށިގެން މާލެ ސަރަހައްދު ލޮކްޑައުންއަށް ލުއިތަކެއް ދޭން ވަނީ ނިންމައިފައެވެ. އެގޮތުން ކުރިން ކޮންމެ ގެޔަކުން އެކަކަށް ބޭރަށް ނުކުމެވޭގޮތަށް އޮތް ނަމަވެސް، މިހާރު ކޮންމެ ގެޔަކުން ވެސް ތިން މީހަކަށް ބޭރަށް ނުކުމެވޭނެއެވެ. އަދި އިތުރު ވިޔަފާރިތައް ހިންގުމަށް ވެސް ހުއްދަ ދިނުމަށް ވަނީ ނިންމައިފައެވެ.