ކުއްލި ޚަބަރު

މިސްކިތުގައި ޖަމާއަތުގައި ނަމާދު ނުކުރާ ގޮތަށް އޮތް އޮތުން 14 ޖޫންގެ ނިޔަލަށް އިތުރުކޮށްފި

މަރިޔަމް ޝަހުދާ

ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގެ ބައެއް ރަށްރަށުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރާ ގޮތަށް އޮތް އޮތުން 14 ޖޫންގެ ނިޔަލަށް އިތުރުކޮށްފި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މި ނިންމުން ދެމި އޮންނާނީ ޖޫން މަހުގެ 14 ވަނަ ދުވަހުގެ އަސުރު ނަމާދުގެ ނިޔަލަށެވެ. އިސްލާމިކް މިނިސްޓްރީގެ މި ނިންމުމަކީ ޖަމާއަތުގައި ނަމާދު ކުރަން ދާދި ފަހުން ހުއްދަ ދިން ރަށްތައް ނޫން އެހެން ރަށްތަކުގައި އަމަލު ކުރުމަށް ނެރެފައިވާ ނިންމުމެކެވެ.

މީގެ ކުރިން އިސްލާމިކް މިނިސްޓްރީން ވަނީ ކޮވިޑް 19 އާ ގުޅިގެން މޮނިޓަރިންގެ ހާލަތުގައިވާ ރަށްރަށުގެ އިތުރުން، މޮނިޓަރިން އުވާލުމަށްފަހު 14 ދުވަސް ހަމަނުވާ ރަށްރަށުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރުމަށް އަންގައިފައެވެެ.

އެގޮތުން ރާއްޖޭގައި މާލެ ސިޓީގެ އިތުރުން ކޮވިޑް 19ގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލާފައިވަނީ ހަ ރަށެއްގައެވެ. އެއީ ށ. ނަރުދޫ، ނ. މަނަދޫ، ކ. ހިންމަފުށި، ކ. ތުލުސްދޫ، ހއ. ތަކަންދޫ އަދި ށ. މިލަންދޫ އެވެ.

ކޮވިޑް 19 އާ ގުޅިގެން އެޅި ފިޔަވަޅުތަކުގެ ސަބަބުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުމަށްފަހު، އެކަމަށް ލުއި ދީފައި ވަނީ މިދިޔަ ހުކުރު ދުވަހުން ފެށިގެންނެވެ.