ޓެކްސީތަކުގެ ޑްރައިވަރު އިންނަ ބަޔާއި ފަހަތު ސީޓާ ދެމެދު ފެންސު ޖަހަނީ، ޓެކްސީއަށް ގިނަވެގެންޓެކްސީތަކުގެ ޑްރައިވަރު އިންނަ ބަޔާއި ފަހަތު ސީޓާ ދެމެދު ފެންސު ޖެހުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރިޔަށް ދާނެ ކަމަށާއި މިހާލަތުގައި ޓެކްސީއަކަށް އެރޭނީ ގިނަ ވެގެން ދެމީހުންނަށް ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނަރަލް އައިޝަތު ސަމިއްޔާ ވިދާޅުވީ ލޮކްޑައުން ގައި ލުއިތައް ދޭއިރު މިހާރެކޭ ވެސް އެއްގޮތަށް ޕާމިޓް ހޯދައި ދެމީހުންނަށް ވުރެ ގިނަ ނުވާނެހެން ޓެކްސީގެ ހިދުމަތް ދެވޭނެ ކަމަށެވެ.
" ޓެކްސީގެ ހިދުމަތް ލިބިވަޑައިގަންނަވާނެ، ހަމަ މިހާރެކޭ އެއްގޮތަށް ލިބިވަޑައިގަންނަވާނެ. އެކަމަކު ޕާމިޓް ހޯއްދަވައިގެން ހިދުމަތް ލިބިވަޑައިގަންނަވާނީ. ދެމީހަކަށް ޓެކްސީގައި ތިއްބެވޭނީ." ސަމިއްޔާ ވިދާޅުވިއެވެ.
ސަމިއްޔާ ވިދާޅުވީ ޓެކްސީތަކުގެ ކުރީ ސީޓު ހިދުމަތް ހޯދާ ފަރާތްތަކަށް ބޭނުން ނުކުރެއްވޭނެ ކަމަށާއި އަދި ޓެކްސީ ސެންޓަރުތަކަށް ގުޅައި ނުވަތަ އެޕް ބޭނުން ކޮށްގެން ނޫން ގޮތަކަށް ހިދުމަތް ދިނުމަކީ މަނާ ކަމެއް ކަމަށެވެ. އަދި ޑްރައިވަރާއި ކަސްޓަމަރާއި ދެމެދު ޓްރާންސްޕޭރަންޓް ފެންސްތަކެއް ޖެހުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ޓެކްސީ ދުއްވާ ފަރާތްތަކުން ޓެކްސީ ސާފުކޮށް ގެންގުޅުމަށް ސަމާލުކަން ދިނުމަށް ވެސް ސަމިއްޔާވަނީ އިލްތިމާސް ކުރައްވައިފައެވެ. އަދި އެގޮތަށް ކަންތައްތައް ކުރަން އަންގާފައި ވަނީ ހިދުމަތް ހޯދާ މީހުންގެ ސަލާމަތާއި އަދި ޑްރައިވަރުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ކަމަށެވެ.