ކަރަންޓީނު ފެސިލިޓީއެއްގައި މަސައްކަތް ކުރާ އަންހެން ނަރުހަކަށް ފިރިހެން ފުލުހަކު ގަދަކަމުން ޖިންސީ ގޯނާ ކުރަން އުޅުނު ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު "ވަން"އަށް މައުލޫމާތު ދެއްވި ގޮތުގައި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
މީގެ އިތުރުން މި މައްސަލައިގެ ޖިނާއީ ތަހުގީގެއް ކުރިޔަށް ގެންދާނެ ކަމަށް ވެސް އިޒްމިއާ ވިދާޅުވިއެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ ހުޅުލޭ އައިސޮލޭޝަން ފެސިލިޓީގައި ކަމަށެވެ. އަދި ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައަކީ އެ ފެސިލިޓީގައި މަސައްކަތް ކުރާ ފުލުހަކު އެ ފެސިލިޓީގައި މަސައްކަތް ކުރާ އެހެން އިދާރާއެއްގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ކަމަށެވެ. އެ އަންހެން މުވައްޒަފަކީ ނަރުހެއް ނުވަތަ އެހެން އިދާރާއެއްގެ މުވައްޒަފެއް ކަމެއް ފުލުހުން ހާމަ އެއް ނުކުރެއެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އަންގާރަ ދުވަހު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި މި ހާދިސާ ހިނގާފައިވަނީ އާދިއްތަ ދުވަހު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.