ސިޔާސީ

ދެމަސްދުވަހުގެ ދަލަށް ކެވުން، ހަފުތާއެއްގެ ގުޖަޑުގަނޑު ހިލުވުން، އެންމެފަހުން މަޖިލިސް އުނބަށް ޖެހުން!

އިބްރާހިމް ޒަކީ

2

ހުސްވި އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވާ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބު، ކޮވިޑް 19 އާ ގުޅިގެން އެމަހުގެ 18 ވަނަ ދުވަހައް ފަސްކުރީ 12 މާޗްގައެވެ.

އެކަން އިއުލާން ކުރަން އެދުވަހު ބޭއްވި ނިއުސްކޮންފަރެސްގައި، އިލެކްޝަން ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، އެ ތާރީހަކީ ގާނޫނުގެ ތެރެއިން އިންތިިހާބު ފަސްކުރަން އިލެކްޝަންސް ކޮމިޝަނަށް ލިބޭ އެންމެ ފަހު ތާރީހުކަމަށެވެ.

ޝަރީފް ވިދާޅުވީ، އިންތިހާބު އެޔަށްވުރެ ފަސް ކޮށްފިނަމަ، ގާނޫނުގައި ބުނާ ކަންތައައްތައް ފުރިހަމަކޮށްގެން، ގާނޫނުގައި އިންތިހާބު ބާއްވަން ކަނޑައަޅާފައިވާ މުއްދަތަށް އިންތިހާބު ނުބޭއްވޭނެ ކަމަށެވެ.

ގާނޫނުގައި ބުނަނީ، މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވުމުގެ 30 ދުވަސް ކުރިން އިންތިިހާބުގެ ކަންތައްތައް ނިންމަން ޖެހޭނެ ކަަމަށެވެ. މިހާރު ތިބި ކައުންސިލަރުންގެ މުއްދަތު އަންނަ ޖޫންމަހުގެ 3 އަށް ހަމަވާނެ އެވެ. އޭގެ އިތުރުން އިންތިހާބު ބާއްވާ ދުވަސް އިއުލާންކުރާ ދުވަހުން ފެށިގެން، ކެންޑިޑޭޓުން ކެމެޕެއިންކުރަން ވަކި މުއްދަތެއް ދޭން ޖެހޭކަމަށް ގާނޫނުގައި ކަނޑައަޅާފައި ވެއެވެ. މީގެ އިތުރުންވެސް އިންތިހާބުގައި ވޯޓިން ލިސްޓު ފުރިހަމަކުރަން ދޭންޖެހޭ ވަގުތުތަކެއް ވެސް ހިމެނޭތީ އެ ތާރީހަށްވުރެ ފަސް ވެއްޖެނަމަ ގާނޫނުގައި ބުނާގޮތަށް އިންތިހާބު ކުރިޔަށް ގެންދާނެ ވަގުތެއް ނުލިބެއެވެ.

އެހެންކަމން ޝަރީފް ވިދާޅުވީ އެ ތާރީހަށްވުރެ އިންތިހާބު ފަސްކުރުމާއި އެކަމުގެ ސަބަބުން ދިމާވާ މައްސަލަތަކަށް ހައްލެއް ހޯދައިދެވޭނީ ޝަރުއީ ނިޒާމުން ކަމަށެވެ. އެއީ މީގެ ކުރިންވެސް އިންތިހާބުތައް ފަސް ކުރުމަށް ޝަރުއީ ނިޒާމުން އެހީތެރިވެ ކޯޓުން އަމުރުތައް ނެރެދީފައި ވާތީއެވެ. އަދި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން އެކަމަށް ހައްލެއް ގެނެވިދާނެކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

މީގެ ކުރިންވެސް އިންތިހާބުތައް ފަސްކުރަން ޖެހުނު ހާލަތްތަކުގައި އީސީން ކަންތައް ކޮށްފައިވާ ގޮތަށް ބަލައި، އަދި ގާނޫނީ ޓީމުގެ ލަފަޔާއެކު، ކައުންސިލް އިންތިހާބު ފަސް ކުރުމަށް އީސީން ހައިކޯޓަށް ހުށަހެޅީ 16 މާޗްގައެވެ.

އިންތިހާބު ނުބޭއްވޭ ހާލަތެއްގައި ކައުންސެލަރުންގެ ދައުރު ހަމަވުމުން އަންނަ ގާނޫނީ ހުސްކަމަށް ފަރުވާއެއް ހޯދަން އަމަލު ކުރާނެ ގޮތެއް ކަނޑައެޅުމަށް، ހައިކޯޓަށް ހުށަހެޅި މައްސަލަޔަށް ލޯކަލް ގަވަންމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ތަދައްހުލު ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ނަމަވެސް އިސީން ހައިކޯޓަށް ހުށަހެޅި މައްސަލައިގައި، ދުސްތޫރީ މައްސަލައެއް ހިމެނޭތީ، ހައިކޯޓުގެ ލަފަޔާއެކު 17 މާޗްގައި އެ މައްސަލަ ހައިކޯޓުން ނަގައި އިސީން އަނެއްކާ އެ މައްސަލަ ސުޕްރީމްކޯޓަށް ހުށަހެޅިއެވެ.

ހައިކޯޓުން ފާހަގަ ކުރި ދުސްތޫރީ މައްސަލަޔަކީ، މިހާރުވެސް އެމައްސަލަޔަށް ފަރުވާ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ، ކައުންސެލަރުންގެ ދައުރުގެ މައްސަލަޔަށް ފަރުވާއެއްް ހޯދަން ޖެހުމުން ފާހަގަކުރި މައްސަލައެވެ. އެކަމަކު މުޅި މައްސަލައިގެ މަންޒަރު ބަދަލުވީ އެހާ ހިސާބުންނެވެ. އެހިސާބުން ރައްޔިތުންގެ މަޖިލީހަކަށް މަޑަކުން ނޯވެވުނެވެ.

އީސީން ސުޕްރީމްކޯޓަށް ހުށަހެޅި މައްސަލަޔާ ގުޅިގެން ހޫނު ހަމަލާތަކެއް މަޖިލީހުން ކޮމިޝަނަށް ރައްދު ކުރިއެވެ. އެ މައްސަލައިގައި އީސީއަށް ރައްދު ދެއްވައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު އޭރު ވިދާޅުވީ، އިންތިހާބު ފަސް ކުރުމާއި، އެކަމުން ނިކުންނާނެ ނަތީޖާތަކަށް ވެސް ހައްލު ހޯދައިދޭނީ މަޖިލީހުން ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، ކައުންސިލް އިންތިހާބު ފަސް ކުރުމުގެ ބާރު ސުޕްރީމް ކޯޓަށް ނެތް ކަމަށާއި އެކަމަށް ފަރުވާއެއް ހޯދަން އޮތް ތަނަކީ ހަމައެކަނި ރައްޔިތުންގެ މަޖިލިސް ކަމަށެވެ. އަދި އިންތިހާބު ފަސް ކޮށް، ބާތިލުކޮށް އިންތިހާބުގެ ތާރީހު ކަނޑައެޅުމަކީ ސުޕްރީމްކޯޓަށް ލިބިގެންވާ ބާރެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

އެންމެފަހުން ސުޕްރީމްކޯޓަކީ އެ ކޯޓުގެ ހުދޫދުން ބޭރުން މީގެ ކުރިންވެސް ކަންތައްތަކެއް ކޮށްފައިވާ ކޯޓެއް ކަމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމީޓީންނާއި ޖުޑިޝަލްސާވިސް ކޮމިޝަން (ޖޭއެެސްސީ)އިން ވެސް ބަލާފައިވާ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ. އަދި އެކަންތައްތައް ބަލައި އެ ތަންތަނުން ނެރުނު އެއްވެސް ރިޕޯޓެއްގައި، އިންތިހާބު ބާތިލު ކުރުމާއި ފަސްކުރުމަކީ ސުޕްރީމްކޯޓާ ގުޅުން ހުރި ކަމެއްގެ ގޮތުގައި ފާހަގަ ކޮށްފައި ނުވާ ކަމަށް ވެސް ވިދާޅުވިއެވެ. އިންތިހާބު ލަސްކުރުމާއި ލަސްކޮށްގެން ނިކުންނާނެ ނަތީޖާތަކާއި އިންތިހާބު ފަސްކުރާނީ ކިހާ މުއްދަތަކަށްތޯ އާއި، އެކަމާ ބެހޭ ނިިންމުންތައް ސާފުވާން ޖެހޭ ކަމަށާއި އެއީ މަޖިލިސް މެންބަރުންގެ މަސްއޫލިއްޔަތެއް ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެވަރުން ފަރަކު ނުޖެހުނެވެ. އެ މައްސަލަޔާ ގުޅިގެން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް އީސީގެ މެންބަރުން ހާޒިރުކުރަން އެދުވަހުން އެދުވަހަށް ނިންމިއެވެ. ބޭނުމަކީ ކައުންސިލް އިންތިހާބު ފަސް ކުރަން އިސީން ސުޕްރީމް ކޯޓަށް ހުށަހެޅީ ކޮން ވިސްނުމެއްގައިތޯ ސާފު ކުރުމެވެ.

އެގޮތުން އެރޭ 8:30 އަށް އީސީގެ މެންބަރުން ކޮމިޓީއަށް ހާޒިކޮށް އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަކީ އީސީން ކުރި ގާނޫނާ ވެސް ހިލާފު ބޮޑު ކުށެއްކަމަށް ދޭހަވާ ގޮތަށް އީސީގެ މެންބަރުންނާ ސުވާލުތައް ކުރިމަތިކުރިއެވެ. އެ ބައްދަލުވުމުގައި، އިންތިހާބު ލަސްކުރުމަށާއި، އެކަމުން ދިމާވާ މައްސަލަތަކަށް ހައްލު ހޯދައިދޭނީ މަޖިލީހުން ކަމަށް ކޮމިޓީން ނިންމުމާ ގުޅިގެން، ޖެހިގެން އައި ދުވަހު މާޗް 18 ގައި، ސުޕްރީމްކޯޓަށް ހުށަހެޅި މައްސަލަވެސް އީސީން އަނބުރާ ނެގިއެވެ.

އެދުވަހު އީސީގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވީ، އެ މައްސަލަ ސުޕްރީމްކޯޓުން ނެގީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއާއެކު ބޭއްވި ބައްދަލުވުމުގައި، ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ބެހޭ ގޮތުން ގާނޫނީ ހައްލެއް ހޯދައިދޭނެ ކަމަށް އަންގާފައިވާތީ ކަމަށެވެ.

މައްސަލަ ނެގުމަށްފަހު، އެކަމަށް ގާނޫނުން ހައްލު ހޯދާއިރު، އީސީގެ ހުރި ކަންބޮޑުވުންތައް ރައްޔިތުންގެ މަޖިލީހާ ވަނީ ހިއްސާ ކޮށްފައެވެ. އޭގެ ތެރޭގައި، އިންތިހާބު ފަސްކުރުމުން، ކައުންސިލަރުންގެ ދައުރު ހަމަވާ ތާރީހަށް އިންތިހާބު ނުބޭއްވިގެން، އަންނަ ގާނޫނީ ހުސްކަމަށް ފަރުވާއެއް ހޯދުމުގެ މައްސަލަވެސް ހިމެނެއެވެ.

ރޭ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ވާހަކަ ދައްކަވަމުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ހިމެނި ވަޑައިގަންނަވާ، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވެސް ވަނީ އެކަންކަން އަލުން ފާހަގަކުރައްވައިފަ އެވެ. އުޝާމް ވިދާޅުވީ، ކައުންސިލް އިންތިހާބު ލަސްކުރުމުގެ ކަންތައްތަކާއި، އެކަމާ ގުޅިގެން ކައުންސިލަރުންނަށް ވާނެގޮތާ ބެހޭގޮތުން ފަރުވާއެއް ހޯދައިދެވޭނީ ރައްޔިތުންގެ މަޖިލީހަށް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ކަމަށެވެ. އަދި އީސީން އިންތިހާބު ފަސްކުރުމުގެ މައްސަލަ ކޮމިޓީއަށް ހުށަހަޅާފައިވަނީ، ދައުރު ހަމަވާ ކައުންސިލަރުންގެ މައްސަލަޔަށްވެސް ހައްލު ހޯދައިދިނުމަށް ހިމަނައިގެން ކަމަށްވެސް އުޝާމް ވިދާޅުވިއެވެ.

ކޮންމެއަކަސް މިކަންތައްގަނޑުގައި، ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލު 2020" އޭޕްރީލް 29ގައި މަޖިލީހުން ފާސްކޮށްދީ އަންނަ އަހަރުގެ ޖެނުއަރީ މަހާ ހަމަޔަށް އިންތިހާބުގެ ވޯޓުލުން މިވަނީ ފާސްކޮށްފައެވެ. އިންތިހާބުތަކަށް ކުރިމަތިލި، ސިވިލް ސާވަންޓުންގެ ސަސްޕެންޝަންގެ މައްސަލަޔަށްވެސް އެ ގާނޫނުން ވަނީ ހައްލު ހޯދައިދީފައެވެ. ނަމަވެސް އަދިވެސް އަންނަ ޖޫންމަހުގެ ތިނަކަށް ކައުންސެލަރުންގެ މުއްދަތު ހަމަވާއިރު، ދިމާވާ ގާނޫނީ ހުސްކަމަށް މަޖިލީހަށް ފަރުވާއެެއް ހޯދައިދެވިފައެއް ނުވެއެވެ.

ގާނޫނުއަސާސީ އިސްލާހު ކޮށްގެން އެކަމަށް ފަރުވާއެއް ހޯދަން ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލްވެސް، އެ ބިލުގެ ވާހަކަ ރައްޔިތުން ލައްވައި ދައްކުވަން ކަމަށް ވިދާޅުވެ ދެމަހެއްހާ ދުވަސް ވަންދެން މަޖިލިސް ރައީސް ބޭއްވެވީ މަޖިލީހުގައި ތާށި ކުރައްވައިފައެވެ. އެންމެ ފަހުން ގޮތް ދޫނުކުރުމާއި، ބާރުގަދަކަން ދައްކަވަން ކުރި މަސައްކަތްތައް ފެއިލިވެ، އެ މައްސަލައިގައި މަޖިލީހަށް މިވަނީ ސުޕްރީމްކޯޓުގެ ލަފަޔަކަށް އެދެން ޖެހިފައެވެ. ސުޕްރީކޯޓުގެ ލަފައެއް މަޖިލީހުން ހޯދަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރޭގެ ޖަލްސާއިން ވަނީ ފާސްކޮށްފައެވެ.

އެގޮތަށް ފާސްކުރީ އެކަންޏެއްވެސް ނޫނެވެ. އެ ލަފާ ލިބެންދެން އިންތިޒާރުވެސް ކުރަން ޖެހުނީއެވެ.

މި މައްސަލަޔަށް ބަހުސްކުރަން އިއްޔެ ފެށި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިންމާ ނުލައި، މެދު ކަނޑާލުމަށްފަހު ރޭވެސް ކުރިޔަށް ގެންދިޔައީ އެ ޖަލްސާއެވެ. ރޭ މަޖިލީހުގެ ޖަލްސާ މެދުކަނޑުއްވައިލައްވަމުން، މަޖިލިސް ރައީސް ވިދާޅުވީ، ސުޕްރީމްކޯޓުގެ ލަފަޔަކަށް އެދެން ފާސްކުރިތަނުން ރޭ، އެ ކޯޓަށް ސިޓީ ފޮނުވާފައިވާ ކަމަށާއި، އެ ލަފާ ލިބެންދެން، އިއްޔެއާއި ރޭ ވެސް ކުރިޔަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 41 ވަނަ ޖަލްސާ ނިންމައި ނުލައި ކުރިޔަށްވެސް ގެންދަވާނެ ކަމަށެވެ.

މި މައްސަލައިގައި ސިޔާސީ މީހުންނާއި ގާނޫނީ މީހުންނާއި ސުޕަ މެޖޯރިޓީގެ އެމްޑީޕީ ޕީޖީ ގުރޫޕުގެ ވިސްނުންވެސް ވަނީ ކަފިކަފިވެފަ އެވެ. އެކި މީހުންގެ ރައުޔު މިކަމުގައި ތަފާތެވެ. އެންމެ ފަހުން ރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން ކުރެއްވި ދެބޭފުޅަކު ވަނީ އެ ދެބޭފުޅުންގެ ރައުޔުވެސް މިކަމުގައި އާންމުކުރައްވައިފަ އެވެ. ކުރީގެ އުއްތަމަ ފަނޑިޔާރުން ކަމަށްވާ އަހުމަދު ފާއިޒް ހުސެއިން އަދި ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވަނީ މިއީ ގާނޫނު އަސާސީ އިސްލާހުކުރާން ޖެހޭ ހާލަތެއްވެސް ނުވަތަ މައްސަލައެއްވެސް ނޫން ކަމަށެވެ. މަޖިލީހުގެ މެންބަރުންގެ ތެރޭން މެޖޯރިޓީ ވިސްނުން ހުރީ ގާނޫނު އަސާސީ އިސްލާހުކޮށްގެން ނޫނީ މައްސަލަ ހައްލު ނުކުރެވޭނެ ކަމަށެވެ.

މުޅި މައްސަލަ މަޖިލީހުގައި އޮންނަތާ ދެމަސްވީ އިރު، މައްސަލަ އެޖެންޑާ ކުރެވި އަސްލު މަސައްކަތް ފެށުނީ އިހަށްދުވަހު އެވެ. އެހާ ދުވަސް ވާންދެން މަޖިލިސް ރައީސް މި މައްސަލަ އެޖެންޑާ ނުކުރައްވައި، އެހެން ބަހަނާ ތަކެއް ދެއްކެވީ ގަސްދުގައި ގޯސް ނިޔަތެއްގައި ކަމަށް ބުނެ އެއްބަޔަކު ދަނީ އެމަނިކުފާނުގެ މައްޗަށް ތުހުމަތުގެ އިނގިލި ދިއްކުރަމުންނެވެ. ހިިނގަމުން އަންނަ ކައުންސެލަރުންގެ ދައުރުގެ މުއްދަތުގައި ބާކީ އޮތީ ފަސް ދުވަހެވެ.

މި މައްސަލަ އީސީން ހައިކޯޓަށް ހުށަހެޅުމުން ހައިކޯޓުގެ ލަފަޔަކީ ސުޕްރީމް ކޯޓަށް ހުށަހެޅުމެވެ. އީސީން ސުޕްރީމް ކޯޓަށް ހުށަހެޅުން، މަޖިލީހުން ސިފަކުރީ އީސީން ކުރީ ގާނޫނީ ބޮޑު ކުށެއް ކަމަށެވެ. މަޖިލިސް ރައީސް ވިދާޅުވީ ކައުންސިލަރުންގެ މުއްދަތުގެ މައްސަލައިގައި ހައްލެއް ނެރެދެވޭނީ މަޖިލީހަށް އެކަނި ކަމަށެވެ. ސުޕްރީމް ކޯޓަށް އެކަން ނުކުރެވޭނެ ކަމަށެވެ. އެކި ގޮތްގޮތަށް އަނބުރައި، ގޮތެއް ނުނިންމަވައި ދެން އެދިވަޑައިގެންނެވީ އެޓާނީ ޖެނެރަލްގެ ލަފަޔަކަށެވެ. އޭޖީ ލަފާ ދެއްވީވެސް ގާނޫނު އަސާސީ އިސްލާހު ކުރުމަށެވެ. ސަރުކާރުން އޭރު ވެސް އޮތީ އެގޮތަށް ހުށަހަޅައިފަ އެވެ. އޭޖީގެ މި ލަފާ މަޖިލީހަށް ވީ ވަކީން ގޯސް ލަފަޔަކަށެވެ. އޭޖީ ވަރުގެ ގޯސް މީހަކު ހުރި ކަމަކަށް ނުވި އެވެ. އެހާ ހިސާބުން މަޖިލީހުން ކޮމެޓީ ބާއްވައި އޭޖީއަށް އަށް ނިސްބަތްކޮށްވެސް ކުރުދޮށީން ދިނެވެ. އަދި ކޮމެޓީން ނިންމީ އޭޖީގެ ލަފާ މަޖިލީހުން ބަލައިގަންނަން ނުޖެހޭ ކަމަށާއި މަޖިލީހުގެ ގާނޫނީ މުޝީރަކީ މަޖިލީހުގެ ކައުންސެލް ޖެނެރަލް ކަމަށެވެ. އެހެންވެ ހޯދާނީ ކައުންސެލް ޖެނެރަލް ލަފާ ކަމަށެވެ. ކައުންސެލް ޖެނެރަލްގެ ލަފާ އަންނާނީ މަޖިލީހުން ބޭނުންވާ ގޮތަށް ކަމަށް ބެއްލެވީ ކަމަށްވެސް ވެދާނެ އެވެ. އެކަމަކު ޖުމުލަކޮށް ބުނާނަމަ ކައުންސެލް ޖެނެރަލްގެ ލަފާ ލިބުނު އިރު އޭޖީގެ ލަފަޔާ އަކުރެއް ފިއްޔެއްވެސް އޭގައި ތަފާތެއް ނޫނޭ ބުނެވިދާނެ އެވެ. މާނަޔަކީ އެކައްޗެކެވެ.

މިހުރިހާ ކަމެއް މި އަނބުރަނީ ކޮން ނިޔަތެއްގައިތޯ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. އެންމެ ފެހުން މީގެން ނުކުންނަ ތެޅިފޮޅިގަނެގެން ކަންކަން ނިންމުމުގެ ނަތީޖާގައި ހުންނާނީ ކޮން މޮޅެއްތޯވެސް ސުވާލު އުފެދެ އެވެ. މި ކަންކަމުން މަޖިލިސް ރައީސް ހާސިލުކުރައްވަން ބޭނުންވި މަގުސަދަކީ ކޮބައިކަމެއް ސާފެއް ނުވެ އެވެ. އެކަން އެނގިވަޑައިގަންނަވާނީ ހުދު އެމަނިކުފާނަށެވެ. ރައްޔިތުން ބޭނުންވަނީ ބޮޑު ހައިޖާނު ގަނޑެއް ނުއުފެދި ކަންކަން ހައްލުވަމުން ދިޔުމެވެ. ރައްޔިތުންގެ ފައިސާ ބޭކާރު ވަގުތަށް ހޭދަ ނުކުރުމެވެ.

ދެމަސް ދުވަސް ވާންދެން ސިޔާސީ ފިކުރުގައި ބަޔަކު ޖައްސާން ދަލަށް ކެވުމަކީ ތުހުމަތަކަށް ވެސް ވެދާނެ އެވެ. އެކަމަކު އަސްލު މައްސަލައިގެ ވާހަކަތަކަށް މަޖިލީހުގެ ވަގުތުން ހޭދަ ވީ ފުލް ހަފުތާއެއްހާ ދުވަހޭ ބުންޏަސް މުޅީން ދޮގަކަށް ނުވާނެ އެވެ.

ރައްޔިތުން މިހާރުވެސް ތިބީ އެތައް ތަކުލީފެއްގައެވެ. އިތުރު ޕްރެޝަރުގަނޑެއް މި ގައުމަކަށް ބޭނުމެއް ނުވެ އެވެ. އެހެން ނޫނަސް އުފެދިގެން މި އުޅޭ މައްސަލަޔަކީ ސިޔާސީ ހިލުންގަނޑެއް ހިލެން ޖެހޭ ކަމެއް ކަމަށް ގިނަ ބަޔަކު ނުދެކެ އެވެ. އުނބަށް ނުޖަހައިވެސް މިކަން ނިންމުނީހެވެ. އެކަމަކު މިހާރު މި ޖެހީ ހެޔޮވަރު ބޮޑު އުނބަކަށެވެ! ދެން ވާނެ ގޮތެއް ބަލަން ތިބެމާ ހިނގާށެވެ!

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟