މުހައްމަދު އައުޒަމް
އިނގިރޭސިވިލާތުން ކޮވިޑާ ދެކޮޅަށް ވަރުގަދަ ޓެސްޓް އެންޑް ޓްރޭސް ސިސްޓަމެއް ގާއިމްކޮށްފިއެވެ.
ޓެސްޓް އެންޑް ޓްރޭސް ސިސްޓަމަކީ އިނގިރޭސިވިލާތުގައި އަމަލުކުރަމުން އަންނަ ލޮކްޑައުން އަށް ލުއިތަކެއް ދިނުމަށާއި އާންމު ހާލަތަށް ގައުމު ގެނައުމަށް ކުރާ މަސައްކަތުގެ ދަށުން އެގައުމުން ކޮވިޑް ފެތުރުން ހުއްޓުވުމުގެ މަގުސަދުގައި ފެށި މަސައްކަތެކެވެ.
ޓެސްޓް އެންޑް ޓްރޭސް ސިސްޓަމްގައި 25000 މީހުންގެ ހާއްސަ ޓީމަކުން ކޮންޓެކްޓް ޓްރޭސް ކުރުމުގެ މަސައްކަތް ކުރާނެއެވެ. މިމީހުންގެ މަސައްކަތަކަށް ވާނީ އެގައުމުން ކޮވިޑް ޖެހޭ މީހުންނާ ބައްދަލުވެފައި ތިބި މީހުންނަށް ކޮވިޑް ޖެހޭ މީހާ ޕޮޒިޓިވް ވާ ވަގުތުން ފެށިގެން ގަޑިއެއްހާއިރުތެރޭ އަންގައި އެކަހެރިކުރުމުގެ މަސައްކަތް ކުރުމެވެ.
ޓެސްޓް އެންޑް ޓްރޭސް ސިސްޓަމުން ފޯނުކުރުމުގެ އިތުރުން އެސްއެމްއެސް އަދި އީމެއިލް މެދުވެރިކޮށްވެސް މީހުން ޓްރޭސް ކުރާނެއެވެ.
ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހަކާ ދިމާވާ ކޮންމެ މީހަކު 14 ދުވަހަށް އައިސޮލޭޓް ވާން ޖެހޭނެއެވެ. އެމީހެއްގެ ގައިން އެއްވެސް އަލާމާތެއް ނުފެނުނަސް ޖެހޭނީ އައިސޮލޭޓް ވާށެވެ. އަދި ބަލީގެ އަލާމާތް ހުރި މީހަކު ނަމަ އެކަން އަންގައި ޓެސްޓު ކުރުމަށްފަހު 24 ގަޑިއިރު ތެރޭ ޓެސްޓުގެ ނަތީޖާ އަންގާނެއެވެ.
އިނގިރޭސިވިލާތުގެ ނެޝަނަލް ހެލްތު ސާވިސް އިން ވަނީ ޕޮޒިޓިވް ވެފައިވާ މީހަކާ ދިމާވާ މީހަކަށް ވަގުތުން އަންގާނެ އެޕެއް ތައްޔާރު ކުރުމުގެ މަސައްކަތް ފަށައިފައެވެ.
އިނގިރޭސިވިލާތުން ކޮވިޑް ޖެހުނު މީހުންގެ އަދަދު ދެ ލައްކައަށްވުރެން މައްޗަށް އަރާފައިވާއިރު އެގައުމުން މިހާތަނަށް 37 ހާހަށްވުރެން ގިނަ މީހުން މިބަލީގައި މަރުވެފައި ވެއެވެ.