ކުއްލި ޚަބަރު

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ 29ގެ ނިޔަލަށް އިތުރުކޮށްފި

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ 29ގެ ނިޔަލަށް އިތުރުކޮށްފިއެވެ.

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުން ހެލްތު މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަށް ފުރަތަމަ އިއުލާނުކުރީ މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ. އެ މުއްދަތު އެންމެ ފަހުން އިތުރުކުރީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އެއީ މިމަހުގެ 30 ވަނަ ދުވަހަށެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ސޮއިކުރައްވައި މިއަދު ނެރުއްވި ގަރާރުގައި ވިދާޅުވީ، ރާއްޖޭގައި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތް ކަމަށާއި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮތް ކަމަށާއި އަދި އެ ނުރައްކާ ކުޑަކޮށް އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަރު ޖެެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލު ކުރެވޭ ކަމަށް ލަފާ ދެއްވާފައިވާ ކަމަށެވެ.

އެހެންކަމުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި މިއަހަރުގެ މާރިޗް 12 އިން ފެށިގެން އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު 29 ޖޫންގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށް ގަރާރުގައި ވިދާޅުވެފައިވެއެވެ.

މާލެއިން ކޮވިޑް 19 ޖެހިފައިވާ މީހަކު ފެނި، ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސްފައިވާކަން އިއުލާންކޮށް މާލެ ސަރަހައްދު ލޮކްޑައުން ކުރީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. އެގޮތުން ލޮކްޑައުން އިއުލާން ކޮށްފަ އޮންނަތާ މަހަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު އެ މުއްދަތު މިއަދު ވަނީ ހަމަވެފައެވެ.

އެއާއެކު ސަރުކާރުން ވަނީ ލޮކްޑައުންއަށް ލުއިތަކެއް ދޭން ނިންމައިފައެވެ. އެގޮތުން ބައެއް ވިޔަފާރިތައް ހުޅުވުމުގެ ހުއްދަ ދީފައިވާއިރު ކޮންމެ ގޭބިސީއަކުން ނުކުމެވޭ މީހުންގެ އަދަދާއި ބޭރުގައި އުޅެވޭނެ ވަގުތު ވެސް ވަނީ އިތުރުކޮށްފައެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ރާއްޖެއިން ވަނީ 1085 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެގޮތުން މިހާތަނަށް އެބަލި ޖެހިފައިވަނީ 1481 މީހަކަށެވެ. އެބަލީގައި ރާއްޖެއިން މަރުވެފައިވަނީ ފަސް މީހެކެވެ. އެއީ ތިން ދިވެހިންނާއި ބަންގްލަދޭޝްގެ ދެ މީހެކެވެ.