ކުއްލި ޚަބަރު

"ލުއި ދިނަސް އެންމެ އެދެނީ އަދިވެސް ޒަރޫރީ ބޭނުމެއް ނެތި ބޭރަށް ނުނިކުތުން، ނުކުންނަ ނަމަ ރިސްކު އޮންނާނެ"

ލުއި ދިނަސް އެންމެ އެދެނީ އަދިވެސް ޒަރޫރީ ބޭނުމެއް ނެތި ބޭރަށް ނުނިކުތުން ކަމަށާއި ނުކުންނަ ނަމަ ރިސްކު އޮންނާނެ ކަމަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ އިންސާނީ ތަބިއްޔަތު ހުންނަ ގޮތުން ލުއިތައް ލިބޭ ވަރަކަށް އަވަހަށް ބޭރަށް ނުކުންނަން ބޭނުންވާނެ ކަމަށެވެ.

"ކުރިއަށް ވެސް އޮތީ އުނދަގޫ ދުވަސްވަރެއް. އިންސާނީ ތަބިއްޔަތު ހުންނަ ގޮތުން ދޫ ލިބޭ ވަރަކަށް އަވަހަށް ބޭރަށް ނުކުތުމާއި، އެންމެން ވެސް ތިބޭނީ އާއިލާ މީހުންނާއި ރައްޓެހިންނާއި އޮފީހުގައި އެއްކޮށް މަސައްކަތްކުރާ މީހުން ދެކި، ވާހަކަދައްކަން ބޭނުންވެފައި،" އޭނާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ އެންމެންގެ ރައްކާތެރިކަމަށްޓަކައި، ހާއްސަކޮށް ގޭގޭގައި ތިބި އުމުރުން ދުވަސްވީ މަންމައިން، ބައްޕައިން، މާމަ، ކާފައިންނާއި އަދި ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުންގެންދާ މީހުންގެ ރައްކާތެރިކަމަށްޓަކައި ގުރުބާނީތަކެއް ވާން ޖެހޭ ކަމަށާއި އެހެންވީމާ އެމީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

ލޮކްޑައުންއަށް ލުއިތަކެއް ދިން ނަމަވެސް، ގެއިން ބޭރަށް ނުކުންނަ އިރު ގައިދުރުކަމާއި ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މިރޭ ވެސް ޑޮކްޓަރުން ވަނީ އިރުޝާދުދެއްވައިފައެވެ.