ކުއްލި ޚަބަރު

އަޅުގަނޑުމެން ދަރީންނާއި އުމުރުން ދުވަސްވީ މީހުން ހިމާޔަތްކޮށްފި، މަގުމަތީން ކުޑަކުއްޖަކު ނުފެނޭ: ޑރ. ނަޒީމް

1

އަޅުގަނޑުމެން ދަރީންނާއި އުމުރުން ދުވަސްވީ މީހުން ހިމާޔަތްކޮށްފައިވާ ކަމަށާއި މިދިޔަ ދުވަސްތަކުގައި މަގުމަތީން ކުޑަކުއްޖަކު ނުފެންނަ ކަމަށް ޑރ. އަލީ ނަޒީމް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒީމް ވިދާޅުވީ އެވަރުގެ ކަމެއް ކުރެވެންޏާ ރައްކާތެރިކަމަށްޓަކައި އިތުރު ކަންތައްތައް ވެސް ކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން، އަޅުގަނޑުމެންގެ ދަރިން ވަރަށް ބޮޑަށް ޕްރޮޓެކްޓްކޮށްފިން. އަޅުގަނޑުމެންނަކީ އާންމުކޮށް މާލެ ސަރަހައްދަށް މަސައްކަތަށް ކޮންމެ ދުވަހަކު ދާން ޖެހޭ ބައެއް. އަޅުގަނޑުމެންނަށް ގާތްގަނޑަކަށް މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި މަގުމައްޗަކުން ކުޑަކުއްޖަކު ނުދެކެން. އަޅުގަނޑުމެން އުމުރުން ދުވަސްވީ މީހުންނަށް ވަރަށް ބޮޑަށް ބެލިން. އެހެންވީމާ އެ ބެލުން އަދިވެސް ކުރިއަށްގެންދަވާ. އެބޭފުޅުންގެ ހުންނަ ވިސްނުންތަކަށް އަޅުގަނޑުމެން ޖެހޭނެ ކޮންމެވެސް ވަރަކަށް ނަސޭހަތްތެރިވާން،" އޭނާ ވިދާޅުވިއެވެ.

ޑރ. ނަޒީމް ވިދާޅުވީ ލޮކްޑައުންއަށް ލުއިތައް ދެނީ އެއްވެސް ގޮތަކަށް ރިސްކު ނެތިގެން ނޫން ކަމަށެވެ. އަދި މުޖުތަމައު ތެރޭގައި ބަލި ފެތުރެމުންދާ ކަމަށާއި ދަށްވީ ފެތުރިގެންދާ ރޭޓު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިގޮތަށް ހިފެހެއްޓޭނީ އިތުރު ބައެއް ކަހަލަ ފިޔަވަޅުތައް އަޅައިގެން. ކުރީގައި ހުރި ބައެއް ކަހަލަ ނޭދެވޭ އާދަތައް، މިސާލަކަށް ކިޔުއެއް ހެދުން އަޅުގަނޑުމެން ދިވެހިންނަށް ވަނީ ވަރަށް ބޮޑު ކަމަކަށް. އެކަމަކު މިހާރު ކިޔު ހަދަން ޖެހޭނެ. އަނެއްކާ ކިޔު ހަދަން ޖެހޭނީ ޑިސްޓަންސް ހިފެހެއްޓޭ ގޮތަށް. އެންމެ މަދުވެގެން އެއް މީޓަރުގެ ޑިސްޓަންސެއް ހިފެހެއްޓޭ ގޮތަށް،" އޭނާ ވިދާޅުވިއެވެ.

ޑރ. ނަޒީމް އިތުރަށް ވިދާޅުވީ އާދަތަކަކަށް އެބަ ތަމްރީނުވާން ޖެހޭ ކަމަށާއި ކުރިން ގޭގައި ތިބެ ތަމްރީނުތަކެއް ލިބުނު ގޮތަށް ބޭރަށް ނުކުންނަ އިރުގައި ވެސް އެހެން ތަމްރީނުތަކެއް ލިބެން ޖެހޭ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟